ވިޔަފާރި

ބަޖެޓު 2022 : ރާއްޖޭގެ އިޤްތިސާދީ ދުވެލި ދުނިޔޭގެ އިޤުތިސާދަށްވުރެ ކުރީގައި


ރާއްޖޭގެ އިޤުތިސާދު ކުރިއަރަމުން ދަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެވެސް އެތައް ގުނައެއް ބާރަށްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2022ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ އިޤުތިސާދު މިއަހަރު %31.6 ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު %12.0 ކުރިއަރާނެކަމަށް ބަޖެޓުގައިވަނީ ލަފާކޮށްފައެވެ.

2022ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިސާދު ކުރިއަރަމުން މިއަންނަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް ކަމަށެވެ.

އަދި ކޯވިޑް-19ގެ އަސަރު ރާއްޖެ ފަދަ ޖަޒީރާ އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމުތަކަށް ކުރި މިންވަރު ބޮޑު ކަމަށާ، މިކަމުން އަރައިގަންނަ ސްޕީޑްވެސް ބާރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރވަނީ ދުނިޔޭގެ އިޤުތިސާދަށް ބަލާއިރު، ކޯވިޑް-19އާ ގުޅިގެން ކުރިމަތިވި އިޤުތިސާދީ ތަދުމަޑުކަމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ކުރިމަތިވި އެންމެ ފުން ރިސެޝަންކަންވެސް ފާހަގަކުރައްވާފައެވެ.

"ދުނިޔޭގެ އިޤުތިސާދު މިއަހަރު %5.9އިން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، 2022ވަނަ އަހަރުވެސް %4.9ގެ ކުރިއެރުމެއް އަންނާނެކަމަށް އައިއެމްއެފް އިން ލަފާކުރޭ. ނަމަވެސް، މިބަލިމަޑުކަމާ ގުޅިގެން ޤައުމުތަކާ ކުރިމަތިވި އިޤުތިސާދީ ހީނަރުކަމުން މުޅިން އަރައިގަނެ، ބަލިމަޑުކަމުގެ ކުރިންތިބި ހިސާބަށް އަނބުރާ ދިއުމަށް އަހަރުތަކެއް ނަގާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑުގެ ޙާލަތުގައި ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރުވަނީ ވާހަފުޅުކަދައްކަވާފައެވެ. އެގޮތުން ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު 15 ޖުލައި 2020 ގައި ހުޅުވުމުކީ ރާއްޖޭގެ އިޤުތިސާދު އަލުން އާރާސްތުވެ، އާރޯވުމަށްއެޅި އެންމެ މުހިއްމު ފިޔަވަޅުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރުތެރޭ 3 މަސް ވަންދެން ފަތުރުވެރިން ނެތި ފަޅުވެފައި ހުރި ރިޒޯޓްތަކަށް ދިރުން ގެނައުމަކީ ރާއްޖޭގެ އިޤުތިސާދުގައި ވިންދުޖެހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މިތާ ހުއްޓި މިހުރިއިރު، އެދުވަހު ނިންމުނު މުހިންމު ނިންމުންތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައި. މި އަހަރަށް އަޅުގަނޑުމެން ކަނޑައެޅި ޓާގެޓުކަމަށްވާ 1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސް، އެކަން މީގެ ދެ ދުވަސްކުރިން ފާހަގަ ކުރިން. އަދި ހަމަ އެދުވަހު ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ފިޗް ރޭޓިންގްސްއިން އަޕްގްރޭޑްކޮށް، އައުޓްލުކް ސްޓޭބަލް ކަމުގައި ކަނޑައެޅިގެން ދިޔަ. މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ 5 އިގުތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭ"، މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިގުތިސާދު މިހާ އަވަހަށް ބައުންސްބެކް ވުމުގެ ސިއްރަކީވެސް ކޯވިޑް-19ގެ ސަބަބުން ރައްޔިތުން ކުރިމަތިލާންޖެހުނު ދަތިތަކާ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ވިލުންވެރިކަން، އަދި ސަރުކާރުން މި ބަލިމަޑު ކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތައްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.