ކުޅިވަރު

ސާފް ސުޒުކީ ކަޕް ޕީއެސްއެމް ކަވަރޭޖް އެމްޓީސީސީއާއެކު




ސާފް ސުޒުކީ ކަޕްގެ ޕީއެސްއެމް ކަވަރޭޖްގެ ޓައިޓަލް
ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖެހިއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހު އިންޑިއާގެ
ޓްރިވެންޑްރަމްގައި ފަށާ ސާފް ސުޒުކީ ކަޕްގެ މެޗްތައް ޓީވީއެމްއާއި ދިވެހިރާއްޖޭގެ
އަޑުން ވަގުތުން ގެނެސްދޭން ނިންމާފައިވާއިރު، ސާފް ސުޒުކީ ކަޕަށް ޓީވީއެމްއާއި
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޚާއްޞަ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކަށް
އެމްޓީސީ ހަމަޖެހުމާ ގުޅިގެން މިއަދު ވަނީ ޕީއެސްއެމްއާއި އެމްޓީސީސީއާ ދެމެދު
ސްޕޮންސަރ އެގްރީމެންޓްގައި ސޮއިކޮށްފައެވެ. ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ
ފަރާތުން މިއެގްރިމެންޓްގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް
ޢްބްދުއްރައްޒާޤު ޙަލީމްއެވެ.

އެގްރީމެންޓްގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ކުރިއަށް އޮތް ސާފް ސުޒުކީ ކަޕްގެ
ޓައިޓަލް ސްޕޮންސަރަކަށް ސަތޭކަ ޕަސެންޓް ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏެއް
ހަމަޖެހުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި ދިވެހިން އެމުބާރާތަކަށް އެންމެ
އިސްކަންދޭ ސާފް ސުޒުކީ ކަޕް ފުރިހަމަކޮށް ރައްޔިތުންނަށް ގެނެސްދިނުމަށް ޚާއްޞަ
ސަމާލުކަމެއް ދެއްވާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވިއެވެ.

" މުބާރާތް ކުރިއަށްދާއިރު ޕީއެސްއެމްގެ ސްޓާފުން އިންޑިއާގައިވެސް ހަރަކާތްތެރިވާނެ. އަދި މާލޭގައި ސްޓޫޑިއޯގައިވެސް މުބާރާތުގެ މަޢޫލޫމާތުތައް ގެނެސްދިނުމަށް ޕްރީ ޝޯވްތައް ކުރިއަށްގެންދާނެ. ދިވެހި ރައްޔިތުންނަށް މުބާރާތުގެ މެޗްތަކުގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންދެން " މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅިވިއެވެ.



އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު
ވިދާޅުވީ ސާފް ސުޒުކީ ކަޕާ އެމްޓީސީއާ ވަނީ ގުޅިލާމެހިފައި ކަމަށެވެ. އަދި
ދިވެހިންނާ ގުޅިލާމެހިފައިވާ މިފަދަ ބޮޑެތި ޙަރަކާތްތަކުގައި އެމްޓީސީސީއިން
ބައިވެރިވަނީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އިބްރާހީމް އަބްދުއް
ރައްޒާޤު ޙަލީމް ވިދާޅުވިއެވެ." މިއީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެމްޓީސީއަށް ލިބުނު ފުރުސަތެއް. އެމްޓީސީއިން އަބަދުވެސް އެދެނީ ޒުވާނުންނާ ގުޅިފައިވާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން. ރައްޔިތުންނާ ގުޅިފައިވާ މިފަދަ ހަރަކާތްތަކަށް އެމްޓީސީގެ ބައިވެރިވުން އަބަދުވެސް ލިބޭނެ"  އިބްރާހީމް އަބްދުއް
ރައްޒާޤު ޙަލީމް ވިދާޅުވިއެވެ.ސާފް ސުޒުކީ ކަޕް ދެހާސް ފަނަރައިގެ މެޗްތައް
ޓީވީއެމްއަށް ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭ އިރު މެޗްގެ މަޢުލޫމާތުތައް
ހިމަނައިގެން އެމްޓީސީސީ ސާފް ސުޒުކީ ކަޕްގެ ނަމުގައި ޕްރީ ޝޯވް އެއް ގެނައުމަށް
ވަނީ ހަމަމެހިފައެވެ.