ކުޅިވަރު

25 ރަށެއްގައި އައުޓް ޑޯ ވޮލީ ކޯޓު އަޅަނީ


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އައުޓް ޑޯރ ވޮލީ ކޯޓު ގާއިމް ކުރުމުގެ އެއްވަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި25 ވޮލީ ކޯޓުގެ އިތުރުން މިހާރު މީގެ ކުރިންވެސް ޔޫތު މިނިސްޓްރީން ވަނީ އެކި ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި އައުޓް ޑޯރ ވޮލީ ކޯޓުތަކެއް ގާއިމްކޮށްފައެވެ. އަދި ޔޫތު މިނިސްޓްރީގެ އެހީގައި ބައެއް ޖަމިއްޔާ އާއި ބައެއް ކައުންސިލްތަކުންވެސް އައުޓް ޑޯރ ވޮލީ ކޯޓްތަކެއް ގާއިމްކޮށް، ބައެއް ކޯޓްތައް މިހާރުވަނީ ނިމިފައެވެ.

މި25 އައުޓް ޑޯރ ވޮލީ ކޯޓްތައް ކޮންޓްރެކްޓަރަކާއި ހަވާލްކުރުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހީމެވެ. އަދި އެކި ކޯޓްތައް ހަވާލްކޮށްފައިވަނީ އެކި ފަރާތްތަކާއިކަމުން، ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ކޮންޓްރެކްޓަރުންވެސް ސޮއިކޮށްފައެވެ.

ވޮލީ ކޯޓު އެޅުމަށް ކޮންޓްރެކްޓުގައި ސޮއިކުރި ރަށްތަކަކީ ހދ. ފިނޭ، ކުމުންދޫ، ނޭކުރެންދޫ، ށ. ފުނަދޫ، މިލަންދޫ، ބ. ކެންދޫ، ގޮއިދޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ފ. މަގޫދޫ، ނިލަންދޫ، ތ. ހިރިލަންދޫ، މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ނިލަންދޫ، ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރު، ލ. ފޮނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ. މި ކޯޓްތަކުގެ އިތުރުން މާލޭގައި 3 ކޯޓް އެޅުމަށް ވަނީ ނިންމާފައެވެ.

މިއީ އައުޓް ޑޯ ވޮލީ ކޯޓްތައް އެޅުމަށް ޔޫތު މިނިސްޓްރީއިން އެއްވެސް ބަޔަކާއި ނުގުޅި ފެށި ފުރަތަމަ މަޝްޢޫއެވެ. މިކޯޓްތައް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ މި ކޯޓްތައް އެވޯޑް ކުރުމާއެކު މިހާރު ކޯޓްތަކަށް ވިސްނައިގެން އެސޯސިއޭޝަނުން ޕްރޮގްރާމްތައް ރާވަމުންދާކަމަށެވެ. މިއާއެކު މިއަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރާއްޖެ ޗެންޕިއަންޝިޕް ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށާއި "އެންމެ ވޮލީ ބޯޅަ" މިަ ނަމުގައި ވޮލީ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށްވެސް މި ކޯޓްތަކުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކޯޓްތައް ނިމިގެންދިއުން. އޭރުން އަތޮޅު ތެރޭގެ މުބާރާތްތައް މި ކޯޓުތަކުގައި ކުޅެވޭނީ. އެސޯސިއޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ވޮލީ ކުރިއަރުވައި ގައުމީ ޓީމް ވަރުގަދަ ކުރުން. މިހާރުވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ ކުޅުންތެރިން. އަތޮޅު ތެރޭގައި ގިނަ ކޯޓްތައް އެޅުމަކީ ގައުމީ ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް. މިއާއެކު މިނިސްޓްރީއާއި އެމްޕީއިން މިކުރާ މަސައްކަތުގައި ގައުމީ ޓީމަށް ފައިދާ ކުރާނެ. އަދި އަތޮޅު ތެރެއިން ކުދިން ފާހަގަކޮށް އެކުދިން މާލެގެނެސް ކުދިން ބިނާ ކުރުމަކީ ވަރަށް މުހިންމުކަމެއް." ރަނޭޝް ބުންޏެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.