ކުޅިވަރު

އަންހެން ވޮލީ ޓީމުގެ ކޯޗަކަށް މުންތާޒު


ޤައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މަޝްހޫރު ކޯޗު މުމްތާޒް ޢަލީ (މުންތޭ) ހަމަޖައްސައިފިއެވެ. މުމްތާޒް ވަނީ މީގެ ކުރިން ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. މުންތާޒް ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ކުރިއަށް އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތަށެވެ. މިމުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގައެވެ.

2019ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި އެޓީމަށް އިރުޝާދު ދީފައިވަނީ އަޙުމަދު ޢަދީލް (ބޭބެ)އެވެ. މުންތޭ ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، މުންތޭވަނީ ކުލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެއީ ދިވެހި ސިންފައިންގެ ކުލަބާއެކުއެވެ. ބަންގްލަދޭޝްގައި މި މުބާރާތް ކުރިއަށްދާއިރު ޤައުމީ އަންހެން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވާނެއެވެ. އޭގެ ތެރޭގައި ހައްވާ ސަހާ އާއި ނުހާ ވަޙީދު (ނުއްޕު) ހިމެނެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް ބާއްވަން ކުރި މަސައްކަތް ކޮވިޑާ ހެދި ނާކާމިޔާބުވިއެވެ. ބަންގްލަދޭޝްގައި މިމުބާރާތް އަންނަ މަހުގައި ކުރިއަށްދާއިރު، މިފަހަރުގެ މުބާރާތުގައި ބައިވެރި ވަނީ ބަންގްލަދޭޝާއި ކިރްގިސްތާން، ނޭޕާލް، އުޒްބެކިސްތާން އަދި ރާއްޖެއެވެ.