ކުޅިވަރު

ލަންކާ މުބާރާތުގެ ތާވަލަށް އަނެއްކާވެސް ބަދަލު ގެނެސްފި


މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގެ ތާވަލަށް އަނެއްކާވެސް ބަދަލް ގެނެސްފިއެވެ. ސްރީލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގެ ތާވަލަށް ބަދަލު ގެންނަން ޖެހިފައިވަނީ އެގައުމަށް މިހާރު ކުރަމުންދާ ވިއްސާރަ ވުމުގެ ސަބަބުންނެވެ. އެގައުމަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.

މިމުބާރާތުގެ އެންމެ ފުރަތަމަ ތާވަލް ނެރުއިރުގައި މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝާއި ސީޝެލްސްއެވެ. އަދި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުމަށް ނިންމާފައި އޮތީ ރާއްޖެ އާއި ލަންކާ މެޗެވެ. މި ދެމެޗުވެސް އެންމެ ފުރަތަމަ ކުޅުމަށް ނިންމާފައި އޮތީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތް ހުޅުވުމުގެ ގޮތުން ރާއްޖެ އާއި ލަންކާ މެޗް އިއްޔެގައި ކުޅެފައެވެ. އަދި ބަންގްލަދޭޝާއި ސީޝެލްސް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 03:30ގައެވެ.

ލަންކާ ފެޑެރޭޝަނުން ނެރިފައިވާ އާ ޝެޑިއުލްގައި ވާގޮތުން ރާއްޖެ އާއި ބަންގްލަދޭޝް މެޗް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ވާ ހޮނިހިރު ދުވަހުއެވެ. މިމެޗް ކުރިން ކުޅުމަށް ތާވަލްކޮށްފައިއޮތީ މިމަހުގެ 11ވަނަ ދުވަހުއެވެ. ލީގް ބުރުގެ ފަހު މެޗްގައި ރާއްޖެ އާއި ސީޝެލްސް ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16ވާ މިއަންނަ އަންގާރަ ދުވަހުއެވެ. މިމުބާރާތުގެ 4ވަނަ މެޗްގައި ސީޝެލްސް އާއި ސްރީލަންކާ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. އަދި ލީގް ބުރުގެ ފަހު މެޗްގައި ލަންކާ އާއި ބަންގްލަދޭޝް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 16ވަނަ ދުވަހުގެ ރޭ ގަނޑުއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. ރާއްޖެއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ލަންކާއާއި ވާދަކޮށް 4 ލަނޑު 4 ލަނޑުން އެއްވަރުވެފައެވެ. މާލޭގައި ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާ އާއި ބަންގްލަދޭޝް ބަލިކޮށްފައެވެ.