ކުޅިވަރު

ބަންގްލަދޭޝާއި ސީޝެލްސް މެޗުވެސް އެއްވަރު


މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ސީޝެލްސް އާއި ބަންގްލަދޭޝް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗް އެއްވަރުވެގެން ނިމިފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. މިމެޗު އެއްވަރުވެގެން ނިމިފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅުނު މެޗް ނިމިފައިވަނީ 4 ލަނޑު 4 ލަނޑުން އެއްވަރުވެގެންނެވެ. މިއާއެކު މުބާރާތުގެ ފުރަތަމަ ދެ މެޗްވެސް ނިމިފައިވަނީ އެއްވެސް ޓީމަކަށް މޮޅެއް ނުލިބިއެވެ. މިމުބާރާތުގައި ވާދަކުރާ ހަތަރު ޓީމަށްވެސް ފުރަތަމަ މެޗުންވަނީ ޕޮއިންޓެއް ލިބިފައެވެ.

ކޮލަމްބޯގެ ރެސްކޯސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ސީޝެލްސްއިން މެޗް ފެށިގެން ކުޅެމުން ގޮސްފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. ބަންގްލަދޭޝްއިން މެޗްގެ ފުރަތަމަ ކޮޅުގައި އުފައްދަން މަސައްކަތް ކުރި ހަމަލާތައްވަނީ ސީޝެލްސްގެ ޑިފެންޑަރުން ދިފާއުކޮށްފައެވެ. ނަމަވެސް އެޓީމުން ސީޝެލްސްގެ ގޯލަށް އަޒާމްކޮށް ފޮނުވާލި ފުރަތަމަ ބޯޅަވަނީ ގޯލަށް ވައްދާލާފައެވެ. މިލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިބްރާހިމެވެ. މިއީ އޭނާ ޖެހި ދެވަނަ ގޯލެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަންގްލަދޭޝަށް ލީޑް ފުޅާކުރުމަށްވެސް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅުގައި ސީޝެލްސްއިން ވަނީ ބަންގްލަދޭޝްގެ އޭރިޔާގެ ތެރޭގައި ކުޅެ، ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ސީޝެލްސްއިން ބަދަލްތަކަކާއެކު ކުޅެން ނިކުތްއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ސީޝެލްސްއިން އުފެއްދި ހަމަލާއެއްވަނީ ބަންގްލަދޭޝްގެ ކީޕަރު ޒީކޯ މަތަކޮށްފައެވެ.

މެޗްގައި ސީޝެލްސްއިން ނަތީޖާ ހަމަހަމަކުރީ މެޗް ނިމެން ދެ މިނެޓަށްވެފައިވަނިކޮށެވެ. މިގޯލް ސީޝެލްސްއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރެންޑަން ލެބްރޮސްއެވެ. މެޗް އެއްވަރުވާން ދަނިކޮށްވެސް ބަންގްލަދޭޝްއަށް މެޗްގައި ލީޑް ނެގުމަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗް އެއްވަރުވުމާއި ގުޅިގެން ދެ ޓީމްވެސް ފަރުޖައްސާލަން ޖެހިފައިވަނީ ޕޮއިންޓަކުންނެވެ.

މިމުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި ރާއްޖެ، އަދި އެރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ސީޝެލްސް އާއި ލަންކާއެވެ.