ވިޔަފާރި

އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދަށް ކުރިއެރުން


ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4708 ފަތުރުވެރިން މިހާރު އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1060004 ފަތުުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 26 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 145 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް މަހުންމަހަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްދަނީ އިތުރުވަމުންނެވެ.

އެގޮތުން:

  • ޖެނުއަރީމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 2971 ފަތުރުވެރިން
  • ފެބްރުއަރީމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 3460 ފަތުރުވެރިން
  • މާރޗުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 3535 ފަތުރުވެރިން
  • އޭޕްރީލްމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 3040 ފަތުރުވެރިން
  • މޭމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 2084 ފަތުރުވެރިން
  • ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 1872 ފަތުރުވެރިން
  • ޖުލައިމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 3284 ފަތުރުވެރިން
  • އޮގަސްޓުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 4632 ފަތުރުވެރިން
  • ސެޕްޓެމްބަރމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 3830 ފަތުރުވެރިން
  • އޮކްޓޯބަރމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 4583 ފަތުރުވެރިން
  • ނޮވެމްބަމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު – 4708 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ ދިހަ ދުވަސްތެރޭ ރާއްޖެއަށްވަނީ 47046 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 45724 ފަތުރުވެރިންނާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 22.5 އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަަށް ރާއްޖެއަަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 18.4 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ.