ޚަބަރު

ޕީޖީއޭ ޔޫތް ފެލޯޝިލް ޕްރޮގްރާމް އިފްތިތާޙްކޮށްފި


އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޔޫތް ފެލޯޝިލް ޕްރޮގްރާމް އިފްތިތާހުކޮށް، މެންބަރު ޤައުމުތަކުން އެ ޕްރޮގްރާމަށް ޒުވާނުން ނޮމިނޭޓްކުރުމުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އދ.ގެ މެމްބަރު ގައުމުތަކުގެ އެހީތެރިކަމާއެކު، މި ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން، މި ދައުރުގައި ޒުވާން 8 ޑިޕްލޮމެޓަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

މި ފެލޯޝިޕަށް ޒުވާނުން ނެގުމުގައި އިސްކަމެއް ދީފައިވަނީ އެންމެ ކުޑަ މިންވަރަށް ތަރައްގީވެފައިވާ ޤައުމުތަކަށާއި، ލޭންޑްލޮކްޑް ޑިވެލޮޕިންގ ގައުމުތަކަށާއި، އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްތަކަށެވެ. މި ފެލޯޝިޕްގެ ދަށުން މި ޤައުމުތަކުން އައްޔަން ކުރެވޭ ޒުވާނުންނަށް އދ. ގެ އެތެރޭގެ މަސައްކަތްތައް ދެނެގަތުމުގެ ދޮރު ހުޅުވުގެންދާނެކަމަށް ޕީޖީއޭ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

"މިއީ ޕްރެޒިޑެންސީ އޮފް ހޯޕްގެ އިސްނެންގެވުމެއް. މިކަމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. ހުރިހާ މަރުހަލާއެއްގައިވެސް ކަންތައްތައް ނިންމުމުގައި ޒުވާނުންގެ ދައުރު ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް. މަލްޓިލިޓްރަލިޒަމްގެ ކުރިމަގަށް ކުރާ ހޭދައެއް ގޮތުގައި ޒުވާނުން އދ ގެ މަސައްކަތާއި ގާތްކުރުމަކީ ބޭނުންތެރިކަމެއް." އދ ގެ މެމްބަރު ގައުމުތަކަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޝާހިދު ބަޔާން ކުރެއްވިއެވެ.

އދ.ގެ އިންސްޓިޓިޔުޓް އޮފް ޓްރެއިނިންގ އެންޑް ރިސާރޗް އާއި ގުޅިގެން ހިންގާ މި ފެލޯޝިޕުން، އދ. ނިޒާމާއި، ގުނަވަންތަކާއި، އަދި އެކި ބައިތަކުގެ އިތުރަށް މިހާރު ދުނިޔޭއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ދެވޭ ތަމްރީނުން ދަސްވެގެންދާނެއެވެ. މި ގޮތުން މުސުމީ ބަދަލުތަކުން ފެށިގެން ކޮވިޑް 19އާ އަމާންކަމާއި ރައްކާތެރިކަމުގެ މައުޟޫތަކުން ފެށިގެން އިންސާނީ ހައްޤުތަކާއި، ޖިންސުގެ ހަމަހަމަކަމާއި ގުޅޭގޮތުން ޓްރެއިނިންގައި ކިޔަވައިދެވޭނެއެވެ.

މި ފެލޯޝިޕަށް ހޮވުމަށްޓަކައި މެމްބަރު ޤައުމުތަކަށް ވަނީ ކޮންމެ ޤައުމަކުންވެސް ޒުވާނެއް ނޮމިނޭޓްކުރުމަށް ދައުވަތު އަރުވާފައެވެ. ކެނޑިޑޭޓުން ހޮވާނީ ތަޖުރިބާކާރު މިނިވަން ޕެނަލްއަކުންނެވެ. މިގޮތުން ހޮވާއިރު މިންތީގެ ހަމަހަމަކަމަށާއި، ސަރަޙައްދީ ބައިވެރިވުން އޮންނަ މިންވަރަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމަށް ހިނގާ ޚަރަދުތައް ބަލަހައްޓަނީ ފެލޯޝިޕް ޕްރޮގްރާމަށް ފަންޑުކޮށްފައިވާ މެމްބަރު ޤައުމުތަކުންނެވެ. މި ފެލޯޝިޕަށް ޒުވާނުން ނޮމިނޭޓްކުރުމަށް ދެއްވާފައިވާ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުން ނިވްޔޯކަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގައެވެ.