ކުޅިވަރު

ދަ ގްރާންޑޭގެ ކޯޗަކަށް ނާދު ހަމަޖައްސައިފި


ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗްއަކަށް އަޙުމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް މިހާރު ކުލަބްތަކުން މަސައްކަތް ފަށާފައިވާއިރު، ނާދުއަކީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކޯޗްކޮށްދޭ ދެވަނަ ކޯޗްއެވެ. އެންމެ ފުރަތަމަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ކޯޗްކޮށްދީފައި އިސްމާޢީލް މަހުފޫޒެވެ.

މިދިޔަ ސީޒަންގައި ނާދު ކޯޗްކޮށްދީފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށެވެ. ނަމަވެސް ނާދާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަންގެ ފުރަތަމަ ބުރު ނިމުމުގެ ކުރިންވަނީ އެއްބަސްވުން އުވާލާފައެވެ. އެއަށްފަހު ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ސަސް ހަވާލްކުރީ މުޙަމަދު ޝިޔާޒު (މޯހަން)އެވެ. ނަމަވެސް މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން މޯހަނާއެކު ހަދާފައިވާ އެއްބަސްވުންވަނީ ދެ ފަރާތް އެއްބަސްވެގެން އުވުލާފައެވެ. މިއަހަރު މޯހަންވަނީ ލީގް ޗެންޕިއަން މާޒިޔާއާއި ގުޅިފައެވެ.

ދަ ގްރާންޑޭއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު އިސްމާއީލް މަހުފޫޒްވަނީ ދާދީ ފަހުން ސަސްއާއި ގުޅިފައެވެ. ނާދު ދަ ގްރާންޑޭއާ ހަވާލުވިއިރު، ނާދު ވަނީ މީގެ ކުރިން ދަ ގްރާންޑޭގެ ޒުވާން ޓީމަށް ޔޫތު ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދީފައެވެ. ނާދު އެންމެ ފުރަތަމަ ޑިވިޝަންގެ ކުލަބަކަށް ކޯޗްކޮށްދީފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން ނާދުވަނީ އޯލްޔޫތުލިންކޭޖް (އޭވައިއެލް)ގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. މި ދެ ކުލަބްގެ އިތުރުން ނާދުވަނީ ކުލަބް ވެލެންސިޔާއަށްވެސް ކޯޗްކޮށްދީފައެވެ. އަދި މީގެ އިތުރުން ނާދުވަނީ ދެވަނަ ޑިވިޝަންގެ ޓީމްތަކާއި ގައުމީ ޖޫނިއަރ ޓީމްތަކަށްވެސް ކޯޗްކޮށްދީފައެވެ.

2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމްވަނީ ނާދުގެ ކޯޗްކަމުގެ ދަށުން ލޯ މެޑަލްއެއް ހޯދާފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރެއިން ދެކުނު އޭޝިއާގައި ރާއްޖެ އަށް އަންހެން ފުޓްބޯޅަ އިން ލިބުނު ފުރަތަމަ މެޑަލްއެވެ.