ދުނިޔޭގެ ވިޔަފާރި

ވިސާ ކްރެޑިޓްކާޑު އިނގިރޭސިވިލާތުގެ އެމެޒޯން ޕްލެޓްފޯމުގައި ބަލައިގަތުން ހުއްޓާލައިފި


އިނގިރޭސިވިލާތުގައި ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑުތައް އެމެޒޯންގެ ޕްލެޓްފޯމުގައި ބޭނުންނުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިގޮތަށް ނިންމާފައިވަނީ ވިސާ ކުންފުންޏާއިއެކު ކުރި މަޝްވަރާތަކަށްފަހުވެސް ކޮޅެއްގައި ނުޖެހުމުންކަމަށް އެމެޒޯއިން ބުނެއެވެ. އެގޮތުން އަންނަ އަހަރު ޖެނުއަރީމަހުގެ 19 އިން ފެށިގެން އިނގިރޭސިވިލާތުގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑަށް އެމެޒޯންގައި ވިޔަފާރި ނުކުރެވޭނެއެވެ. ނަމަވެސް ވިސާ ޑެބިޓް ކާޑު ބޭނުން ކުރެވޭނެކަމަށް އެމެޒޯއިން ބުނެއެވެ.

މިއީ ވިސާ ކާޑުގައި ހިމަނާ ފީތައް ބޮޑު ކަމަށް ބުނެ ނިންމާފައިވާ ނިންމުމެކެވެ. ވިސާގެ ނިންމުމުގެ އިތުރަށް އެކުންފުނިން އެމެރިކާގައިވެސް ވިސާ ކްރެޑިޓް ކާޑު ބޭނުންކުރުން ހުއްޓާލުމަށް ވިސްނަމުންދާ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. މިއީވެސް ހަމަ މިމައްސަލާގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ކުރީން އިނގިރޭސިވިލާތް އީޔޫގެ ޤައުމެއްގެ ގޮތުގައި އޮތްއިރު، އީޔޫން ތަންފީޒުކުރާ ކާޑް ޓްރާންސެކްޝަން ލިމިޓުތައް ކުންފުނިތަކުން ގެންގުޅެން ޖެހެއެވެ. ނަމަވެސް މިހާރު އީޔޫއިން އިނގިރޭސިވިލާތް ވަކިވުމުން ކާޑު ކުންފުނިތަކުން ޓްރާންސެކްޝަން ފީތައް މައްޗަށް ޖައްސަމުންދާކަމަށް ވިޔަފާރި ކުންފުނިތަކުން ދަނީ ބުނަމުންނެވެ.

އެމެޒޯންގެ މިފަދަ ނިންމުންތަކާއިއެކު، ވިސާ ކުންފުނިން ބުނެފައިވަނީ އެކުންފުނީގެ ކާޑުތައް ބޭނުން ކުރުމަށް ކަސްޓަމަރުންނަށް އޮންނަ އިޙްތިޔާރު ނިގުޅައިގަތުމަށް އެމެޒޯއިން މަސައްކަތް ކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގައި މަޝްވަރާކޮށް އަވަސް ހައްލެއް ހޯދާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މިއީ ވިޔާފާރި ކުންފުންޏަކުން ވިސާ ކްރެޑިޓް ކާޑު ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން އެމެރިކާގެ ވޯލްމާޓުގެ 20 ފިހާރައަކުންވެސް ކާޑުތައް ބަލައިގަތުން ހުއްޓާލިއެވެ. މިއާއެކު ފަހުން ކުރެވެނު މަޝްވަރާތަކަށް ފަހު ކާޑުތައް އަލުން ބޭނުން ކުރުމަށް ވޯލް މާޓުން ވަނީ ފަށާފައެވެ.

މިކާމާއި ގުޅޭ ގޮތުން ވިޔަފާރީގެ ދާއިރާގެ ތަޖުރިބާ ކާރުން ބުނެފައިވަނީ މި ނިންމުމުގެ ސަބަބުން ބޮޑަށް ގެއްލުންވާނީ ވިސާ ކުންފުންޏަށް ކަމަށެވެ. އެގޮތުން އެމެޒޯންގެ މި ނިންމުމާއިއެކު އެމެޒޯންގެ އަމިއްލަ ޕޭމެންޓު ނިޒާމަށް ކަސްޓަމަރުން ވަނުމުގެ ފުރުސަތު އިތުރުވާއިރު، ވިސާ ކުންފުންޏަށް ގޮތް ދޫކުރުން ނޫން އިތުރު ގޮތެއް މިކަމުގައި ނޯންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.