ޚަބަރު

މީގެފަހުން ތަންތަން ކުއްޔަށް ދޫކުރެވޭނީ ރަޖިސްޓްރީކުރުމަށްފަހު!


ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ގޯތިގެދޮރު ފަދަ ތަންތަން ރަޖިސްޓްރީކުރަން ލާޒިމުވާ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާ ގޯތި ގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާއި ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކޮށްފައިވާ ޤާނޫނެނެވެ. އަދި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ޙައްޤުތައް ބަޔާންކުރުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި ޢަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ޙާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާއި ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިބިލު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން އެކި ފަރާތްތަކާއި ހަވާލުކުރެވޭ ތަންތަނާގުޅޭ މުޢާމަލާތްތަކުގެ މައްޗަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނުނު ވަނީ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ. މިއާއެކު މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި "ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގައި ދިރިއުޅުމަށް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެއެވެ.

އަލީ

ތަންފީޒު ނުކުރެވޭ ގާނޫނު ހަދާނީ ކީއްކުރާންތޯ؟