ކުޅިވަރު

ދިވެހި ކޯޗުންނާއެކު ގައުމީ ޓީމަށް ކާމިޔާބު ލިބޭނެ - ޒިލާ


ސާބާގައި ރާއްޖެއަށް މިފަހަރު ކާމިޔާބީއެއް ނުލިބުނީ ސްކޯރިން ދައްވެގެންކަމަށް ގައުމީ ބާސްކެޓް ޓީމުގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ޒިލާލް ބުނެފިއެވެ. 6ވަނަ ސައުތު އޭޝިއަން ބާސްކެޓް ބޯލް ޗެންޕިއަންޝިޕްގައި ރާއްޖެއިން ތިން މެޗް ކުޅެފައިވާއިރު، ތިން މެޗުންވެސްވަނީ ބަލިވެފައެވެ. ކޮންމެ މެޗެއްގައިވެސް ރާއްޖެއަށް ފެށުން ދިޔައީ ވަރަށް ގޯސްކޮށެވެ. ރާއްޖެއިން މިމުބާރާތުގައި ވާދަކޮށްފައިވަނީ ފުރަތަމަ މެޗްގައި އިންޑިޔާ، ދެވަނަ މެޗްގައި ބަންގްލަދޭޝް އަދި ފަހު މެޗްގައި ލަންކާ އާއި ވާދަކުރި މެޗްގައި ރާއްޖެއަށް ފަސޭހައިން ސްކޯ ކުރުމަށް ލިބުނު ފުރސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މީގެއިން ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅުނު މެޗްގައި ރާއްޖޭގެ ޓީމްގެ ފެށުން ގޯސްވުމުން، ފުރަތަމަ ކުއަޓަރގައި އިދިކޮޅު ޓީމުންވަނީ ބޮޑު ލީޑެއްނަގާފައެވެ. އެސިސްޓެންޓް ކޯޗް ޒިލާލް ބުނީ ކޮންމެ މެޗެއްގައިވެސް ރާއްޖެ ބަލިވެފައިވަނީ ސްކޯ ނުކުރެވިގެންކަމަށެވެ. އަދި ފަހު މެޗުގައި ލަންކާއާއި ވާދަކުރަން ޖެހުނުއިރު، ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހުމުން ކުޅުންތެރިންގެ ވަރުބަލިކަންވެސް ފެނިގެންދިޔަކަމަށް ޒިލާ ބުންޏެވެ.

މިމުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅެފައިވަނީ ވަރުގަދަ އިންޑިޔާއާއި ދެކޮޅަށެވެ. އެމެޗް އިންޑިޔާ ކާމިޔާބުކުރީ 88 ޕޮއިންޓް 31 ޕޮއިންޓުންނެވެ. ބަންގްލަދޭޝް މެޗް ބަންގްލަދޭޝްއިން ގެންދިޔައީ 86 ޕޮއިންޓް 65 ޕޮއިންޓުންނެވެ. އަދި ލީގް ބުރުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ލަންކާއިން ރާއްޖެ ބަލިކުރީ 77 ޕޮއިންޓް 45 ޕޮއިންޓުންނެވެ. މިއިން ކޮންމެ ޓީމެއްވެސް ފުރަތަމަ ކުއަޓަރގައި ބޮޑު ލީޑެއް ނެގިއެވެ. އިންޑިޔާ މެޗްގެ ފުރަތަމަ ކުއަޓަރ އެޓީމު ނިންމާލީ 26 ޕޮއިންޓް 4 ޕޮއިންޓުންނެވެ. ދެވަނަ މެޗްގައި ބަންގްލަދޭޝް ފުރަތަމަ ކުއަޓަރ ނިމުނުއިރުވަނީ 15 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި ފަހު މެޗްގައި ލަންކާއިން ފުރަތަމަ ކުއަޓަރ ނިމުނުއިރުވަނީ 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ޒިލާލް ބުނީ މިފަހަރު ދިވެހި ކޯޗުންނާއެކު ކުރަންޖެހުނީ ވަރަށް އުދަގޫ ތަޖްރިބާއެއްކަމަށާއި މިފަހަރުގެ ތަޖްރިބާއާއެކު ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަމަށެވެ. އަދި މިއީ ފެށުމެއްކަމަށާއި މިމުބާރަތުގެ އަލީގައި ރާއްޖޭގެ ޓީމުން ރަގަނޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަމަށެވެ. އެގޮތުން ކޯޗުންނާއި، ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ކުޅުންތެރިން ބިނާ ކުރުމަށްވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށް ޒިލާ ބުންޏެވެ.

"މީގެ ކުރިން ލަންކާ އަދި ބަންގްލަދޭޝްއަކީ އަހަރުން ބަލިކޮށްފައިވާ ޓީމްތަކެއް. ނަމަވެސް މިފަހަރު ކަންތަށްތަށް މިދިޔައީ އެންމެ ބޭނުންވި ގޮތެއް ނޫން. މިދަތުރުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. ޓީމް މުބާރާތަށް ތައްޔާރުވަމުންދިޔައިރު، މުހިންމު ތިން ކުޅުންތެރިއަކަށްވެސް އަނިޔާވި، އަދި މުބާރާތުގެ ތެރެއިން ޓީމްގެ ކެޕްޓަންގެ ލޮލަށް ލިބުނުއަނިޔާއާއި ގުޅިގެން ކެޕްޓަން ޒަބީވެސް ކުލެމުން ދިޔައީ އަނިޔާގައި ހުރެގެން. ނަމަވެސް މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ހިއްވަރު ފާހަގަކުރަން. ކޮންމެ މީހަކުވެސް ބަލާނީ ނަތީޖާއަށް. މިފަހަރު ކާމިޔާބު ނުވިނަމަވެސް، ކުރިއަށް ކުރިއަށް ހުރި މުބާރާތްތަކުގައި ރަގަނޅު ކާމިޔާބީއެއް ހޯދާ، ރާއްޖެއިން ކުރިން ހުރި މަގާމްއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރާނަން." ޒިލާ ބުންޏެވެ.

ޤައުމީ ބާސްކެޓް ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. އެގޮތުން ޤައުމީ ޓީމްގެ ކޯޗްއަކީ ގައުމީ ޓީމަށް 15 އަހަރަށް ވުރެއް ގިނަ ދުވަހު ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިލްޔާސް އިބްރާހިމެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 2 އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، މިތިން ކޯޗުންނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީއެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.