އެމްއޭސީއެލްއިން ނެރެފައިވާ ސަރކިއުލާއަކާ ގުޅިގެން ބައެއް އެއަރލައިންތަކުގެ ޝެޑިއުލް ފްލައިޓްތައް ކެންސަލް ކުރަންޖެހިފައިވާ ކަމަށް މީޑިއާތަކުގައި ހާމަކުރި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވާ ކަމަށް އެމްއޭސީލްއެލްއިން ހާމަކޮށްފިއެވެ.
އެމްއޭސީލްއެލްއިން މިކަން ހާމަކޮށް ނެރުނު ނޫސް ބަޔާނެއްގައިވަނީ ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓްކުރާ ފްލައިޓަކުގެ ނިސްބަތް އިތުރުވެ ޕީކް ދުވަސްތަކުގައި ބައެއް ފްލައިޓުތައް ވައިގެ ތެރޭގައި މަޑުކުރަންޖެހޭ ހާލަތްތައް އަންނާތީ އެފަދަ ހާލަތްތަކަށް ތައްޔާރުވުމަށް މައިގަނޑު ތިންކަމަކަށް ސަމާލުކަންދިނުމަށް 2018ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއިން ސަރކިއުލަރއެއް ނެރެމުން އަންނަކަމަށެވެ.
އެގޮތުން އެކަށީގެންވާ މިންވަރަށް (45 މިނެޓްގެ) ހޯލްޑިން ފިޔުލް ބެހެއްޓުމަށާއި، އަދި އޭޕްރަންގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޕްރިއޮރިޓީ ނުދެވިދާނެކަމަށާއި އަދި އެއަރޕޯޓް ތޮއްޖެހުމުގެ ހާލަތްތައް މަދުކުރުމަށް ދެވިފައިވާ ތާވަލަށް ދަތުރުތަށްކުރުމަށް ސަމާލުކަން ދިނުމަށް މި ސަރކިއުލަރގައި އެއަރލައިންތަކަށް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މި ސަރކިއުލަރގެ ސަބަބުން އެއްވެސް އެއަރލައިނެއްގެ ޝެޑިއުލް ފްލައިޓެއް ކެންސަލްކުރަން ޖެހިފައިނުވާކަމަށެވެ.
ސްވިޓްޒަރލޭންޑު މީޑިއާގައި މި ސަރކިއުލަރއާއި ގުޅޭގޮތުން ޝާޢިއުކޮށްފައިވާ ޚަބަރުގައި އަދި އެޚަބަރާއި ހަވާލާދީ އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުން އެޑްލްވެއިސްްއިން ރާއްޖެއަށް ކުރާ ބައެއް ދަތުރުތައް ކެންސަލްކުރަން ޖެހުނު ކަމަށެވެ.
ކޯވިޑުގެ ކުރިން އެޑެލްވެއިސްއިން ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުއެވެ. ނަމަވެސް ކޯވިޑުގެތެރޭގައި އެއަރލައިނުން ވަނީ 2 ފްލައިޓެއް، ކެލްސަލްކުރިނަމަވެސް މިދިޔަ އޮކްޓޯބަރުމަހުގެ 28ހުގައި އަނެއްކާވެސް އިތުރު ފްލައިޓް އޮޕަރޭޓްކުރުމަށް ހުއްދައަށް އެދުމާއި އެކު ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ހަފްތާއަކު ތިން ދުވަހު ފްލައިޓް އޮޕަރޭޓްކުރުމަށް އެ އެއަރލައިނަށް ހުއްދަ ދީފައިވާ ކަމަށް އެމްއޭސީއެލުގެ ނޫސްބަޔާނުގައިވެއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އެއަރޕޯޓުން ހުރިހާ އެއަރލައިނަކަށްވެސް ސްލޮޓް ހަމަޖައްސާފައިވަނީ ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން އެކަމަށް ހުށަހެޅުމުން ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.
ޕީކް ސީޒަންގައި ދަތުރުތައް ކުރުމަށް ދުރާލާ ރާވައިގެން ހުރިހާ އެއަރލައިންތަކުންވެސް ދަތުރުތަށް ދަނީ ހަމަޖައްސަމުންނެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި އެކު ބައެއް އެއަރލައިންތަކަށް އެކަށީގެންވާ ވަރަށް ފަތުރުވެރިން ނުލިބުމުގެ ސަބަބުން ދަތުރުތައް ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށް ނުގެންދެވުނު ނަމަވެސް އެއަރޕޯޓްގެ ސިޔާސަތަކީ އެއްވެސް އެއަރލައިނަކަށް ހަމަޖެހިފައިވާ ސްލޮޓް އެއަރލައިނަކުން ކެންސަލް ނުކުރާހާ ހިނދަކު އެހެން އެއަރލައިނަކަށް ނުދޭކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިގޮތަށް ދެވިފައިވާ ސްލޮޓްތައް އިތުރުކުރުމަށް ބައެއް އެއަރލައިންތަކުން ލިބެމުންދާ ހުށަހެޅުންތައް ބަލައި އެއަރޕޯޓްގެ މިވަގުތުގެ ކެޕޭސިޓީ ހުރި މިންވަރަކުން ހުރިހާ އެއަރލައިންތަކަށްވެސް ދަނީ ފުރުސަތުފަހިކޮށް ދެމުން ކަމަށެވެ.