ކުޅިވަރު

މާޒިޔާއިން ކެނދިކުޅުދޫގައި ކޭންޕްކޮށްފި


ދިހަ ދުވަހުގެ ތަމްރީން ކޭންޕެއް ކުރިއަށް ގެންދިއުމަށް ލީގް ޗެންޕިއަން މާޒިޔާއިން ނ. ކެނދިކުޅުދޫއަށް ގޮސްފިއެވެ. މީގެ ކުރިންވެސް މާޒިޔާއިންވަނީ ހއ.ގެ ބައެއް ރަށްރަށާއި ހދ.ކުޅުދުއްފުށި ސިޓީގެ އިތުރުން އދ.މަހިބަދޫއަށްވެސް ދަތުރުކޮށް މެޗްތަކެއް ކުޅެފައެވެ.

މާޒިޔާއިން ކެނދިކުޅުދޫއަށް މިކުރާ ދަތުރަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. މިކޭންޕްގައި މާޒިޔާގައި ހިމެނޭ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ލަންކާގައި ނިމުނު މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ވާދަކުރި ކުޅުންތެރިން ހިމެނެއެވެ. ގައުމީ ޓީމްގައި މާޒިޔާއަށް ނިސްބަތްވާ ވަރަށް ގިނަ ކުޅުންތެރިން ހިމެނެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ކުލަބަށް ގެންގޮސްފައެވެ. އެގޮތުން އެޓީމުން ނޭޕާލްގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ކިރަން އާއި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީގެ އިތުރުން ކުލަބް އީގަލްސް އަދި ގައުމީ ޓީމްގެ ޒުވާން ފުލްބެކް ހައިޝަމް ހަސަންގެ ސޮއި ވަނީ ހޯދާފައެވެ. މިދަތުރުގައި މިކުޅުންތެރިންވެސް ވާދަކުރެއެވެ. އަދި މާޒިޔާއިންވަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ. ކުރިއަށްއޮތް ސީޒަނަށް ތައްޔާވުމަށް މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވަނީ ދާދި ފަހުންނެވެ.

ކެނދިކުޅުދޫއަށް މާޒިޔާއިން ދަތުރުކުރާއިރު، އެރަށުގައި މާޒިޔާގެ އެކަޑަމީއެއް ހިންގަންވަނީ އެއްބަސްވެފައެވެ. މިއާއެކު ކެނދިކުޅުދޫގެ ކައުންސިލާއި ގުޅިގެން އެކަޑަމީގެ މަސައްކަތްތައް ވެސް މިދަތުރުގައި ކުރުމަށްވަނީ ހަމަޖެހިފައެވެ. އެފްއޭއެމުން މިއަހަރުގެ ފުޓްބޯޅަ ސީޒަން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގައި ބައްދަލުކުރާނީ ލީގް ޗެންޕިއަން މާޒިޔާ އާއި ލީގެ ރަނަރަޕް ކުލަބް ވެލެންސިޔާއެވެ.