ސާފް ސުޒުކީކަޕްގައި ދިވެހި ސަޕޯޓަރުންނަށް ޓީކެޓް ހިލޭ ފޯރުކޮށްދިނުމުގައި ދިމާވީ ކޮމިއުނިކޭޝަންގެ މައްސަލަތަކެއްކަމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނެފިއެވެ. ކޮންސުލް އަލީ އާދަމް
މިއަދު މެޗު ކުޅޭ ސްޓޭޑިއަމްގައި ހުންނަވާ
ވިދާޅުވީ ޓިކެޓް ހިލޭ ފޯރުކޮށްދޭނެކަމަށް ބުނި ނަމަވެސް ޓިކެޓް ފޯރުކޮށްނުދެވި
ލަސްވީ ޓިކެޓް ލިބުން ލަސްވެގެންކަމަށެވެ. އަދި ޓިކެޓް ދޭނެ ވަރު ކުރިން ބުނެފައި
ނުވާކަމަށާއި، ޓީމަށް ޓިކެޓް ދޭނެކަމަށް އަންގާފައިވާކަމަށެވެ.
އިއްޔެއިން ފެށިގެން ގިނަ އަދަދެއްގެ ދިވެހިން
ޓިކެޓް ނުލިބިގެން ރުޅި އައިސް، ހިތްހަމަ ނުޖެހުން ފާޅުކުރީ ކޮންސިއުލޭޓަށް
ދިއުމުންވެސް ޓިކެޓް ނުލިބުމުންނާއި، ލިބޭނެ އިރެއް އަދި ތަނެއްވެސް
ނޭންގުމުންނެވެ.
" ޓިކެޓް އަޅުގަނޑުމެން އަތަށް ލިބުނީ މިއަދު
11:30 ގައި. 14:30 ގައި ޓިކެޓްތައް ބަހާ ނިމިއްޖެ. ގާތްގަނޑަކަށް
ފަނަރަސަތޭކައެއްހާ ޓިކެޓް ހިލޭ ބަހާލިން. ސްޓޭޑިއަމްގައި ސަޕޯޓަރުންނަށް
ޚާއްޞަކުރެވިފައިވަނީ އެއް ގޭޓުންކަމަށް ކުރިން އެނގިފަ އޮތީ. އެހެންކަމުން
އެގޭޓުންވެސް ޓިކެޓް ދޫކުރިން. ނަމަވެސް އެހެން ބައެއް ގޭޓްތަކުންވެސް މީހުން
ވެއްދުމުން ޓިކެޓް ފޯރުކޮށްދިނުމުގައި އުނދަގޫވި. ދެން އޮންނަ މެޗަށް އެހެން
ގޭޓްތަކުންވެސް ޓިކެޓް ލިބޭނެގޮތް ހަދާނަން. ޓިކެޓް ދޫކުރާ ފަރާތުން ވިދާޅުވި
މާދަމާ ޓިކެޓްތައް ހަވާލުކުރާނެކަމަށް. " މިކަމާއި ގުޅިގެން ކޮންސުލް
ވިދާޅުވިއެވެ.
އިއްޔެ ޓްރިވެންޑްރަމުން ދިމާވި ވަރަށް ގިނަ
ދިވެހިން ވަނީ ޓިކެޓް ނުލިބިގެން ހިތްހަމަ ނުޖެހި އެކަމާއި ގުޅޭގޮތުން
ޕީއެސްއެމްގެ ކްރޫއާވެސް ސުވާލުކޮށްފައެވެ.
" ގަމީހާއ ފަޓުލޫނު ކީއްކުރަން ބޫޓްވެސް
ރަތްކުލައިން ގަނެފިން. ކަލޭމެން ބުނެބަލަ ޓިކެޓް ލިބޭނެ ގޮތެއް. ސަޕޯޓްކުރަންދާން
ތައްޔާރުވެގެން މިތިބީ. " މެޑިކަލް ކޮލެޖް ކައިރިން ދިމާވި އުމުރުން ދުވަސްވީ
މީހަކު ބުންޏެވެ.
މިއަދު ބޫޓާން އަތުން މޮޅުވި މެޗު ބަލަން ގިނަ
އަދަދެއްގެ ދިވެހިން ސްޓޭޑިއަމްއަށް އައި ނަމަވެސް ޓިކެޓްގެ މައްސަލަ ކުރިމަތި
ނުވިނަމަ އެއަދަދު އިތުރުވީސްކަމަށް ބެލެވެއެވެ.
މުބާރާތުގެ
މެޗުތަކުގެ ޓިކެޓް ވިއްކަނީ 100 ރުޕީސްއާއި 750 ރުޕީސްއާއި ދެމެދުގެ
އަގުތަކުގައެވެ.