ކުޅިވަރު

އެސްޓީއޯ، އުރީދޫ، ސިޓީ ކައުންސިލް އަދި ޓްރޭޑް ކްލަބަށް މޮޅެއް


ސަރުކާރު އޮފީސް ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތުގައި ރޭ ކުޅުނު މެޗްތައް އެސްޓީއޯ، އުރީދޫ، ސިޓީ ކައުންސިލް އަދި ޓްރޭޑް ކްލަބް މޮޅު ވެއްޖެއެވެ. ރެހެންދި ފުޓްސަލް ދަނޑުގައި އެސްޓީއޯއިން ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުން އެމްޓީސީސީއާއި ވާދަކޮށްގެންނެވެ. ފޯރިގަދަ ކުޅުމުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މެޗުގައި ގިނަ ފުރުސަތު ތަނަވަސްކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯ އާއި އެމްޓީސީސީގެ ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ކޮންމެ ޓީމަކުންވެސް ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. މެޗްގައި އެސްޓީއޯއިން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އިނާން އަހުމަދުއެވެ.

މިމުބާރާތުގައި ކަސްޓަމްއިންވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ. އުރީދޫއާއި ވާދަކޮށް ކަސްޓަމްސް ބަލިވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑުނަގާ ކުރި ހޯދީ ކަސްޓަމްސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުމްތާޒް އަބްދުއްރަޝީދުއެވެ. މެޗްގައި ކަސްޓަމްސްއިން ލީޑް ނެގި ނަމަވެސް އެޓީމަށް ލީޑްގައި މާގިނަ ވަގުތުތަކު އޮވެވޭ ގޮތެއް ނުވިއެވެ. އުރީދޫއިންވަނީ ފަހަތުން އަރާ ތިން ގޯލް ޖަހާ މެޗް ކާމިޔާބުކޮށްފައެވެ. އުރީދޫއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ހުސެއިން އާތިފާއި މުޙައްމަދު ރިފްޝާނެވެ. އޭގެ ތެރެއިން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޝްފާން ވަނީ އުރީދޫއަށް ދެ ގޯލް ޖަހައިދީފައެވެ.

ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލް ވާދަކުރި މެޗް ސިޓީ ކައުންސިލް ކާމިޔާބުކުރީ 7 ލަނޑު 2 ލަނޑުންނެވެ. މިމެޗްގައި ޔޫތް މިނިސްޓްރީގެ ޓީމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވަނީ ޔޫތު މިނިސްޓްރީގެ ޓީމަށް ކުޅުއްވާފައެވެ. މެޗްގައި މޮޅު ކުޅުމެއް ދައްކާފައިވަނީ ސިޓީ ކައުންސިލްގެ ޓީމުގެ ފަރާތުންނެވެ. މެޗްގައި ސިޓީ ކައުންސިލުން 7 ގޯލް ޖެހިއިރު، 4 ގޯލްޖެހީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިފާޒް އާދިލެވެ. އިތުރު ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އަހުސަމް މޫސާ އާއި އަހުމަދު އައިހަމެވެ. ޔޫތު މިނިސްޓްރީއިން ޖެހި ދެ ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އާޒިމެވެ. ޓްރޭޑް ކުލަބުންވަނީ ހުޅުމާލެ ހޮސްޕިޓަލްގެ މައްޗަށް 4 ލަނޑު 3 ލަނޑުން ކުރި ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓްރޭޑް ކުލަބްގެ ގޯލްތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ހިޝާމް ޙަސަން ވަހީދު، ސައިފާން އަޙުމަދު މަނިކް، ޝާމިލް ރަޝީދު އަދި ޖުމައިލް ޖަލީލެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ގޯލުތައް ޖެހީ ޢަބްދުﷲ ނާސިފް ދެ ގޯލް އަދި ޢަލީ ޝާޒް ހިލްމީއެވެ. މިމުބާރާތުގައި މިރޭވެސް 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.