ކުޅިވަރު

ޕޮލިސް ކުލަބް މޮޅުވިއިރު، އެމްޕީއެލް އާއި ވެމްކޯ މެޗް އެއްވަރުވެއްޖެ


18/30 ވުމެން ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗްތައް ޕޮލިސް ކުލަބް މޮޅުވިއިރު، އެމްޕީއެލް އާއި ވެމްކޯ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ވުމެން ފުޓްސަލް ފިއެސްޓާގައި އެމްޕީއެލް އާއި ވެމްކޯ ވާދަކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. މިމެޗް އެއްވަރުވިނަމަވެސް، ދެ ޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިމެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ އެމްޕީއެލްއިންނެވެ. މިލަނޑު އެމްޕީއެލްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާމިނަތު ޝާމިލާއެވެ. އެމްޕީއެލްއިން މެޗްގައި ލީޑްގައި އޮވެވުނީ ތިން މިނެޓްވަންދެންނެވެ. މެޗްގެ ނަތީޖާ އެއްވަރު ކުރި ލަނޑު ވެމްކޯއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތައިލެންޑްގެ ޑަރިކާއެވެ.

މިބައިގައި ރޭ ޕޮލިސް ކުލަބްވަނީ ފަސޭހަކަމާއެކު ޓްރޭޑް ކުލަބް ބަލިކޮށްފައެވެ. ޕޮލިސް ކުލަބް މިމެޗް ކާމިޔާބުކޮށްފައިވަނީ 8 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ޕޮލިސް ކުލަބްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޓްރޭޑް ކުލަބަށް މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާއިރު، މާ ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި ޕޮލިސް ކުލަބްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ތީބާ، ބިދޭސީ ކުޅުންތެރިޔާ ލެބަނަންގެ ނާންސީ ޗޭލިއަން އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރާއި ފާތިމަތު ސައިނާ އަދި ލެބަނަންގެ ސެލީން އަލް ހައްދާދެވެ. މީގެ ތެރެއިން ގައުމީ އަންހެން ޓީމުގެ ފޯވާޑް ތިބާވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ. އަދި ބިދޭސީ ކުޅުންތެރިޔާ ލެބަނަންގެ ނާންސީ ޗޭލިއަންވަނީ މެޗުގައި ދެ ގޯލް ޖަހާފައެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނުގައި ހަ ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ބުރު ކުޅޭ ގޮތަށް ގްރޫޕް ސްޓޭޖު ރޭވިފައިވާއިރު، ގްރޫޕަކުން ފުރަތަމަ ކަޓާނީ އެއްޓީމެވެ.