ކުޅިވަރު

ގައުމީ މުބާރާތުގެ އެއްވަނަ އާން އާއި ހިމްނާއަށް


ގައުމީ ފެތުމުގެ މުބާރާތުގެ ސީނިއާ ކެޓަގަރީގެ ފިރިހެންބައިގެ އެއްވަނަ މުޙައްމަދު އާން ހުސެއިން އަދި އަންހެން ބައިގެ އެއް ވަނަ ހަމްނާ އަހުމަދު ހޯދައިފިއެވެ. މިދެ ފެތުންތެރިން ގައުމީ މުބާރާތުގެ ސީނިއާ ކެޓަގަރީން އެއްވަނަ ހޯދާފައިވާއިރު، މިދެ ފެތުންތެރިންވަނީ މިދިޔަ މަހުގައި ކުރިއަށްދިޔަ ޗެންޕިއަންސް އޮފް ޗެންޕިއަންސްގެވެސް އެއްވަނަ ފެތުންތެރިންގެ މަގާމު ހޯދާފައެވެ. ޗެންޕިއަންސް އޮފް ޗެންޕިއަންއަކީ ރާއްޖޭގައި ތިބި އެންމެ މޮޅެތި ފެތުންތެރިންގެ މެދުގައި ކުރިއަށް ދިޔަ މުބާރާތެކެވެ.

ސީނިއަރ ކެޓަގަރީއިން އެއްވަނަ ހަމްނާ ހޯދިއިރު، ދެވަނަ ހޯދީ ޢާއިޝަތު ސައުސަންއެވެ. ޗެންޕިއަންސް އޮފް ޗެންޕިއަންގައި ސައުސަންއަށް ވާދަނުކުރެވުނީ ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ބައިން ތިން ވަނަ ދެ ފެތުންތެރިއަކަށް ލިބިފައިވެއެވެ. އެއީ ޖުމެއިރާ އާމިނަތު އާމިރާއި އައިޝް އާލިން އަފްސަލްއެވެ. ހަމްނާ އެއްވަނަ ހޯދާފައިވަނީ 200 އާއި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓާއި ފްރީސްޓައިލްގެ 50، 100، 200، 400 މީޓަރު އިވެންޓާއި 50، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި 50، 100 މީޓަރު ބެކްސްޓްރޯކް އިވެންޓް އަދި 50، 100 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

ގައުމީ ފެތުމުގެ މުބާރާތުގެ ސީނިއާ ކެޓަގަރީގެ ފިރިހެންބައިގެ އެއްވަނަ މުޙައްމަދު އާން ހުސެއިން ހޯދާފައިވާއިރު، މިބައިން ދެވަނަ ހޯދީ ހުސެއިން ހާއިޝް ހަސަން އަދި ތިންވަނަ ހޯދީ މުހައްމަދު ރިހާން ޝިހާމްއެވެ. އާން އެއްވަނަ ހޯދާފައިވަނީ 50، 100، 200 އަދި 400 މީޓަރު ފްރީސްޓައިލް އިވެންޓާއި 50، 100 މީޓަރު ބްރެސްޓްރޯކް، ބެކްސްސްޓްރޯކް އަދި ބަޓަފްލައި އިވެންޓުންނެވެ. އަދި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް ވެސް ކާމިޔާބުކުރީ އާން ހިމެނޭ ޓީމެވެ.

މިމުބާރާތުގެ ޖޫނިއާ ބައިން އެއް ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވިފައިވަނީ އިޒްޔާން ނާޒިމެވެ. ދެ ވަނައަށް ދިޔައީ ޔާސީން މުޙަހައްމަދު ޔޫސުފް އަދި ތިންވަނަ ހޯދީ މަކީން އަޙުމަދެވެ. މިބައިގެ އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވިފައިވަނީ މީރަލް އައިން ލަތީފެވެ. ދެ ވަނަ ހޯދީ ހަނާން ހުސެއިން ހަލީމެވެ. އަދި ތިން ވަނަ ހޯދީ އަޔާނާ އަރީފެވެ.

ޓީމު ކެޓަގަރީން ފިރިހެން ބައިން އެއް ވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ)އެވެ. ދެ ވަނަ އަށް ދިޔައީ ރިވަރިން ސްޕޯޓްސްއެވެ. އަދި ތިން ވަނަ ދިޔައީ ސްޕޯޓްސް ނޭޗާއެވެ. އަންހެން ބައިން އެއް ވަނަ ހޯދީ ރިވަރިން ސްޕޯޓްސްއެވެ. ދެ ވަނަ އަށް އެމްއެލްއޭ ހޯދިއިރު ތިން ވަނަ ހޯދީ މޫދު މާލިމީއެވެ. މާސްޓާސް މުބާރާތުގެ ފިރިހެން އެއް ވަނަ ފެތުންތެރިއަކީ ހަސަން އަޝްރަފްއެވެ. ދެ ވަނައަށް ދިޔައީ ހުސެއިން މުބާހު އަދި ތިންވަނައަށް ދިޔައީ އަޙުމަދު ފާއިޒެވެ. މާސްޓާސްގެ އަންހެން ކެޓަގަރީގެ އެއް ފެތުންތެރިއަކީ ޖީހާން އަހުމަދެވެ.