ކުޅިވަރު

މާޒިޔާއިން ކެނދިކުޅުދޫގައި އެކަޑަމީގެ މަސައްކަތް ފަށައިފި


އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނ.ކެނދިކުޅުދޫގައި ރަސްމީކޮށް އެކުލަބުގެ އެކެޑަމީގެ މަސައްކަތް ފަށައިފިއެވެ. މާޒިޔާއިން ކެނދިކުޅުދޫގައި އެކުލަބުގެ އެކަޑަމީގެ މަސައްކަތް ފަށާފައިވާއިރު، އެކުލަބުންދަނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން 10 ދުވަހުގެ ތަމްރީނު ކޭންޕެއް އަރަށުގައި ކުރިއަށް ގެންދަމުންނެވެ. މާޒިޔާއިން މިރަށުގައި އެކަޑަމީގެ ކަންތައްތައް ކުރިއަށް ގެންދަނީ އެރަށުގެ ކައުންސިލާއި ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބުން ގުޅިގެންނެވެ. ކެނދިކުޅުދޫގެ އިތުރުން މާޒިޔާއިން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މާޒިޔާއިން ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެކަޑަމީގައި އުމުރުން 6 އަހަރާއި 14 އަހަރުން ދަށުގެ ކުދިން ތަމްރީނު ކުރާނެއެވެ. އެކަޑަމީގައި ދެ ޖިންސު އެއްކޮށް 63 ކުދިން ތަމްރީނު ކުރެވޭނެއެވެ. މާޒިޔާ އެކެޑަމީން ވަނީ 2019 ވަނަ އަހަރު އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ މުބާރާތުގައި ވާދަކުރީ މާޒިޔާގެ 14 އަހަރުން ދަށުގެޓީމެވެ.

މާޒިޔާގެ އެހީތެރިކަމާއެކު ކެނދިކުޅުދޫގައި ވަނީ އެފްއޭއެމް ޑީ ލައިސަންސް ކޯހެއް ކުރިއަށް ގެންދަންވެސް ފަށައިފައެވެ. މި ކޯހުގައި މާޒިޔާގެ ހެޑް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ވެސް ކިޔަވައިދެއެވެ.

ފުޓްބޯޅަ ސީޒަނުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާއެވެ.