ކުޅިވަރު

ޓީމްގެ ކުރިމަގު ފެނިއްޖެ – ޤައުމީ ކޯޗު


ބަނގްލަދޭޝް އަތުން މޮޅުވި މެޗުގައި ދިވެހި ޤައުމީ ޓީމްގެ ކުރިމަގު ފެނިއްޖެކަމަށް ޤައުމީ ކޯޗު ރިކީ ހާރބަޓް ބުނެފިއެވެ. 3-1 ން ބަނގްލަދޭޝްގެ މައްޗަށް ކުރި ހޯދައި މިހާރު ކުރިއަށްދާ މެޗު ނިމުމުން ސެމީގެ ޖާގަ ކަށަވަރުވުމުގެ އުއްމީދުގައި އޮތް ޓީމްގެ ކޯޗު ބުނީ މޮޅުވީ ކުޅުންތެރިންގެ މަސައްކަތުންކަމަށެވެ." ޓީމްގެ ކުރިމަގު ފެނިއްޖެ. އެރި ތިން ކުޅުންތެރިންގެ ސަބަބުން ތަފާތު ފެނުނު. ޓީމްގެ ރޫހު ފެނިއްޖެ. ކުޅުންތެރިން މޮޅުވާން ކުރި މަސައްކަތް މިއީ. މެޗު އެއްވަރުވުމުންވެސް މޮޅުވާނެކަމުގެ ޔަޤީންކަން އޮތް. " ޒުވާން ކުޅުންތެރިންނަށް ތައުރީފްކުރަމުން ކޯޗު ބުންޏެވެ.މެޗުގައި ރާއްޖެއިން ފުރަތަމަ ލަނޑު ކެޕްޓަން އަޝްފާޤް ޖެހީ ޒުވާން ކުޅުންތެރިޔާ އަހުމަދު އިމާޒު ހޯދައިދިން ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ޒުވާން ފޯވާޑް ނާއިޒު ހަސަން ޖެހީ ކުޅެން ނިކުމެ ފައިޖެއްސި ފުރަތަމަ ބޯޅައިންނެވެ. ތިންވަނަ ލަނޑު ބަދަލުކުޅުންތެރިޔާ އަހުމަދު ނާޝިދު ޖެހީ އަޝްފާޤް އިސްމާއީލް އީސާއަށް ދިން ޕާސް، އީސަ ނާޝިދުއަށް ދިނުމުންނެވެ.ބަނގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްޤު ބުނީ އޭނާގެ ޓީމަށް ދިމާވާ މައްސަލައަކީ އިދިކޮޅު ޓީމުން ލަނޑު ޖެހުމުން އަލުން ކުރިއަށް ޖެހިލައި މޮޅުނުވެވުމެވެ. މެޗަކީ ސެމީއަށްދާން އޮތް ފަހު ފުރުޞަތަށް ވުމުން ވިސްނީ އެޓޭކަށްކަމަށް އޭނާ ބުންޏެވެ. މިބައްޔާއެކު ބަނގްލަދޭޝްއަށް ވަނީ ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައެވެ.