ކުޅިވަރު

އަންހެން މުބާރާތް ފެށުން ނައިފަރުގަ


އަންހެން ފުޓްބޯޅަ މުބާރާތްތަކުގެ ފުރަތަމަ ބައި ޅ. ނައިފަރުގައި މި މަހު ކުރިއަށް ގެންދަން އެފްއޭއެމުން ނިންމައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ފުޓްބޯޅަ މުބާރާތުގެ ތެރެއިން އިންވިޓޭޝަން ކަޕްގެ ގުރުއަތުލުން އިއްޔެ އެފްއޭއެމްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިމުބާރާތުގައި 6 ޓީމް ވާދަކުރާއިރު، އެއީ އެފްސީ، ކުރެންދޫ އެފްސީ، އެޕެކްސް ސްޕޯޓްސް ކްލަބް، ޑޮޓްކޮމް ސްޕޯޓްސް ކްލަބް، އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ ސްޕޯޓްސް ކްލަބެވެ.

މިމަހުގެ 25އިން ޖެނުއަރީ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުގައި މިމުބާރާތްވަނީ ބާއްވަން ނިންމާފައެވެ. އަދި. މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެއެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފައެވެ.

2019ވަނަ އަހަރުވެސް އެފްއޭއެމުން އަންހެން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޓީމްތައް މަދުވުމުގެ ސަބަބުން އެފަހަރު މުބާރާތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މީގެ ކުރިންވެސް އެފްއޭއެމުން އަންހެން ލީގެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަންހެން ލީގް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.