ވިޔަފާރި

އެސްޓީއޯގެ ގޮދަން ފުށް ކާރުޚާނާ ތަރައްޤީކުރަން ބިމެއް ހޯދަނީ


އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ކާރުޚާނާ ތަރައްޤީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ގޮދަށްފުށް ބަންދު ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމު ކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދު ކުރާ ގޮތަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ކާރުޚާނާ ތަރައްޤީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތްކުރެވެމުންދާ ކަމަށެވެ.

"މިހާރު ބޭނުންވެގެން މިއުޅެނީ ކާރުޚާނާ ހަދާނެ ބިމެއް، އެތަން ހުންނަން ޖެހެނީ ޕޯޓާއި ކައިރީގައި، ދެން ޕޯޓު ރިލޮކޭޓުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، ޕޯޓާއި ކައިރިން ބިމެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ، ރައީސް އޮފީހުން މަސައްކަތްކުރައްވާ އެބަ އެމަސައްކަތް ކުރައްވާ އެކަން ފަހިކޮށްދިނުމަށް،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކާރުޚާނާ ތަރައްޤީކުރުމުގެ މަސައްކަތް ފަށާތާ، ދޮޅު އަހަރުތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަމްރުވަނީ މި ފެކްޓްރީގައި މަސައްކަތްކުރިއަށްދާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

" ވަރަށް ބޮޑެތި ސައިލޯތަކެއް ހުންނާނެ، އެއަށް ހުރިހާ ވީޓު ގްރެއިން އަޅާފައި ހުންނާނީ، ދެން މިލްކުރަން ބޭނުންކުރާ މެޝިނަރީޒްގެ އެހީގައި ގޮދަން ފުށަށް ބަދަލުކުރާނީ، ފުދޭވަރަކަށް ބޮޑު ފެކްޓަރީއެއް މިއީ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯއިން ހަދާ ގޮދަށްފުށް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް މިކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އަމްރު ވިދާޅުވިއެވެ. ރާއްޖޭގައި މިގޮތަށް ގޮދަން ފުށް އުފައްދަން ފެށުމުގެ ސަބަބުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

އެސްޓީއޯއިން ހާމަކުރެއްވި ގޮތުގައި، މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި މީގެއިތުރުން ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ޢަަލިބެ

އަނެއްކާ ލަންކާ އިން ގަތް ސައިފަތް ދަނޑަށް ވީހެން ނުއަގުގަ މިއުޅޭ ބަންގްލަދޭޝް ބޭފުޅުންނަށް ތިޔަ ފެކްޓަރީ ވިއްކާނުލައިފިއްޔާ ނަސީބު!