ކުޅިވަރު

ދިރާގު ކުލަބް މޯލްޑިވްސް ކަޕްގެ 2ވަނަ ބުރަށް


ކުލަބް މޯލްޑިވްސް ކަޕްގައި ފެނަކަ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ދިރާގު ޖާގަ ހޯދައިފިއެވެ. ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކުލަބް މޯލްޑިވްސް ކަޕްގައި ރޭ ދިރާގާއި ޓީމް އެފްއެސްއެމް ބައްދަލުކުރިއިރު، މެޗްގެ ކުރިންވެސް އެފްއެސްއެމްއަށްވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައެވެ. މިމެޗް ދިރާގު ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ދެ ޓީމަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއްގެ ބޭނުން އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ދިރާގަށް ކާމިޔާބުކޮށްދިނީ މެޗްގެ ދެވަނަ ހާފްގައި ޢަލީ ހައިޝަމެވެ. އެފްއެސްއެމްއަށް ފަސް ފައުލް ހަމަވުމުން ދިރާގަށް ޕެންލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ލީޑް ފުޅާކުރުމަށް މިލިބުނު ފުރުސަތުގެ ބޭނުން ޢަލީ ހައިޝަމަށް ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ދިރާގު މޮޅުވުމުގައި އެޓީމްގެ ގޯލް ކީޕަރު މުހައްމަދު އައިމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ކްލަބް އިމިގްރޭޝަނުން ވަނީ 5 ލަނޑު 4 ލަނޑުން ޕްލޭނިން މިނިސްޓްރީ ބަލިކޮށްފައެވެ. މިމެޗް ކާމިޔާބުކުރިނަމަވެސް އިމިގްރޭޝަނަކަށް ދެވަނަ ބުރުގެ ޖާގައެއް ނުލިބިވަނީ މުބާރަތުން ކަޓާފައެވެ. މިމެޗަށް ނިކުތްއިރުވެސް އިމިގްރޭޝަނަށްވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. އިމިގްރޭޝަނަށް ދެވަނަ ބުރަށް ދެވެން އޮތީ ބޮޑު ތަފާތަކުން ޕްލޭނިން މިނިސްޓްރީ ބަލިކޮށް، އެފްއެސްއެމުން ދިރާގު ބަލިކޮށްގެންނެވެ. ނަމަވެސް ދިރާގުން އެފްއެސްއެމް ބަލިކުރުމުން އިމިގްރޭޝަނަށްވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. އިމިގްރޭޝަންގެ ގޯލުތައް ޖެހީ އާދަމް އަޒްމީން، އަހުމަދު އަޝްފާން (އަޝްކޮ) އާއި ހުސެއިން ނިޔާޒް އަދި އަޙުމަދު ފައްރާހު (ފައްރަ)އެވެ. މިމެޗްގައި އަޒްމީންވަނީ ދެ ގޯލް ޖަހާފައެވެ. ޕްލޭނިން މިނިސްޓްރީން ގޯލުތައް ޖެހީ އިބްރާހިމް ނޫރައްދީން (އެންޑިން) އާއި މުހައްމަދު މައުރޫފް ހުސެއިން އަދި ހުސެއިން ނަޒީރެވެ. ނަޒީރުވަނީ މިމެޗްގައި ދެ ގޯލް ޖަހާފައެވެ.

މި ގްރޫޕްގެ މެޗުތައް ނިމުނުއިރު، ގްރޫޕްގެ އެއްވަނަ ހޯދީ ދިރާގެވެ. ދިރާގުން ވަނީ ހަތް ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް އެފްއެސްއެމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތިން ވަނަ އަށް ދިޔަ އިމިގްރޭޝަނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ ޕްލޭނިން މިނިސްޓްރީން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.