ޚަބަރު

"އިންޑިއާ އައުޓު" ޙަރަކާތުން ދިވެހިންނަށް ނިކަމެތިކަން ކުރިމަތިވާނެ - އަސްލަމް


އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަމަށްބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ޙަރަކާތްތަކަކީ ސިޔާސީ ބޭނުމެއްގައި ސިޔާސީ އިސްވެރިން ކުރުވާކަމެއްކަމަށް ބެލެވޭކަމަށާ، އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ނިކަމެތިކަމާމެދު ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މެންބަރު އަސްލަމް މިހެން ވިދާޅުވީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުން ފާސްކުރި ރިޕޯޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ރާއްޖެއިން އެތައްބަޔަކު އެކި ކަންކަމުގައި އިންޑިއާއަށް އަބަދުވެސް ދާކަމަށާ އެޤައުމުން އެތައް ކަމެއްގައި ޒަމާނުއްސުރެ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އަންނައިރު ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް އިންޑިއާއާމެދު ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަމަށެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް އިންޑިއާއާއެކު ގާތްގުޅުމެއް ބާއްވަމުން އައިކަމަށާ، ކޯވިޑާ ގުޅިގެންނާއި އުމްރާނީ ތަރައްޤީގައިވެސް އިންޑިއާއިން އެތައް އެހީތަކެއްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިކަމަށް އަންނަ ޤައުމަކަށް އިންޑިއާ މިއަދު ވެފައިވާއިރު، ރުޅިވެރިކަމާއި ނަފުރަތު ބައެއްގެ ތެރޭގައި އަށަގަންނުވާނަމަ އެކަން ހައްދުފަހަނައަޅައި ހިނގައިދާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ފާހަގަކުރެވެނީ މިއީ ސިޔާސީ މަޤުޞަދެއްގައި ސިޔާސީ ވެރިންތަކެއް ކުރުވާ ކަމެއްހެން. ދެން އޭގެ ނުރައްކަލަކީ، ނަފްރަތު ބޮޑުވެގެން އަދި އެފިތުނަ ބޮޑުވެންގެންގޮސް ބޮޑު ސިންގާ ޤައުމަކާ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޖެހިފައިތިބޭނަމަ އޭގެ ސަބަބުން ދިމާވާ ބިރުވެރިކަން އަޅުގަނޑަށް ވަރަށް ކަންބޮޑުވޭ އަޅުގަނޑަށް ހީވަނީ މިކަންކަން މިނޫންގޮތަކަށް ގެންދަނެޖެހޭހެން." އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވީ، އެކޮމިޓީން ބެލި ބެލުމުން، ރާއްޖެއާ އިންޑިއާއާކު ވެފައިވާ އެއްބަސްވުންތައް ނުވަތަ ލެޓަރ އޮފް އެކްސްޗޭންޖެއްގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސްކަމެއް ފާހަގަ ނުކުރެވޭކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން އިންޑިއާއާއެކު އައު އެއްބަސްވުމެއް ހަދާފައިނުވާކަމަށާ، މިހާރުވެސް މަސައްކަތްކުރެވެމުން ދަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު 2016ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެއްބަސްވުމަށް އަމާޒުކޮށްގެންކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަންކަމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ކަންބޮޑުވާފަދަ ކަމެއް ނެތްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީން އެއްބަސްވުންތަކާ ގުޅޭގޮތުން ކަންކަން ދިރާސާކުރަމުން ދިޔައިރު، އެއްބަސްވުންތަކުގެ އަސްލު ނުދައްކާކަމަށްބުނެ އިދިކޮޅު މެންބަރުން ދައްކާވާ ވާހަކަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދިޔައީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށާ، ނަމަވެސް ބައެއް އެއްބަސްވުންތައް ހާމަކުރި ބައްދަލުވުމުގައި 2 މެންބަރަކު ކޮމިޓީއާ ގުޅިވަޑައިގަތީ ތަންކޮޅެއް ފަހުންކަމަށެވެ. އަދި އެމެންބަރު ބޭނުންފުޅުވާނަމަ އަންނަ ދައުރުގައިވެސް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅުވައިގެން ބޭނުންވާ މަޢުލޫމާތެއް ހޯއްދެވިދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ދެ އެއްބަސްވުމާ ގުޅޭގޮތުން އެއް ސެޝަން ބާއްވާފައި، ތަންކޮޅެއްފަހުން އަނެއް ދެ އެއްބަސްވުމާ ގުޅޭގޮތުން ސެޝަން ބޭއްވުނީ. ފުރަތަމަ ދެ އެއްބަސްވުމަށްފަހު ކޮމިޓީއަށްއައި ބަދަލެއްގެ ތެރޭގައި އިތުރު ދެ މެންބަރަކު ގުޅިވަޑައިގަތީ. ދެން އެތަނުން އެއް ބޭފުޅަކު އަޅުގަނޑުމެން ރިޕޯޓު އެކުލަވާލި މަރުހަލާގައި ހުށަހެޅުއްވީ އަސްލު އެޑޮކިއުމެންޓް އަތަށް ބޭނުންފުޅުވާ ވާހަކަ. ދެން އެހުށައެޅުމަށް ވޯޓަށް އަހައިގެން ފާހެއްވެސް ނުވި." މެންބަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބަޔަކު ދޮގު ވާހަކަތަކެއް ދެއްކިނަމަވެސް ތާރީޚަށް ބަލާއިރުވެސް އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަށް މަސައްކަތްކުރިތަނެއް ފެންނަންނެތްކަމަށާ، މިހާރު ހުރި އެއްވެސް އެއްބަސްވުމެއްގައިވެސް ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވެދާނެފަދަ އެއްވެސް ވާހަކަތަކެއް ނެތްކަމަށެވެ.