ޚަބަރު

ދިވެހިންގެ މެދުގައި އިސްނެގުމުގެ ރޫޙު އަށަގަންނުވަން ޖެހޭ


ދިވެހިންގެ މެދުގައި އަމިއްލައަށް އިސްނަގައިގެން ކަންތައްކުރުމުގެ ރޫޙު އަށަގަންނުވަންޖެހޭކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހިންގެ ފަރާތުން ފެނުނު ފަދަ އަމިއްލައަށް އިސްނަގައިގެން ކަންކަންކުރުމުގެ ރޫޙު އަނބުރާ ގެނައުމަކީ ވަަރަށް މުޙިއްމުކަމެއްކަމަށެވެ. އެހެންކަމުން އަމިއްލައަށް އިސްނަގައިގެން ކަންތައްކުރުމުގެ ރޫޙު އަށަގަންނުވަން ޖެހޭކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އެއްބައިވަންތަކަމާއި މިނިވަންކަމާއި ގުޅިލާމެހިފައިވާގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.މިޖަލްސާގައި ވަނީ ސުނާމީގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ސުކޫތެއްވެސް ގެނެސްފައެވެ. އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަދުވަހު، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކޮށް، އެ ދުވަހުގެ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނާއި ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ދައްކައިދިން އަޚުވަންތަކަން ހަނދާންކޮށް އެ އެއްބައިވަންތަކަން ދަމަހައްޓައި ވަރުގަދަކުރުމުގެ ބޭނުމުގައެވެ. ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 11 އިއްޔެ ވަނީ އަހަރު ވެފައެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. އަދި 4 ރަށެއް އެއްކޮށް ހަލާކުވިއިރު، 23 ރަށަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.