ކުޅިވަރު

ތާރީހު ބަދަލުކޮށް ފުރަތަމަ ފަހަރަށް ލަންކާ ބަލިކުރަން ބޭނުން: ސާޖިދު


ތާރީހު ބަދަލުކޮށް ފުރަތަމަ ފަހަރަށް ސްރީލަންކާގެ ޤައުމީ ވޮލީ ޓީމް އަމިއްލަ ފަސްގަނޑުގައި ބަލިކުރަން ބޭނުންވާކަމަށް ޤައުމީ ސީނިއަރ ފިރިހެން ވޮލީ ޓީމުގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ. ކޯޗު ސާޖިދުބުނީ މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދިއުމުގެ ކުރިން ލަންކާފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް މެޗްތަކެއް ކުޅެލަން ލިބުމަކީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބުނެފައެވެ. ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީ ޓީމް މިހާރު ތައްޔާރުވަމުންދަނީ މިމަހުގައި ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާގެ ގައުމީ ވޮލީ ޓީމް ރާއްޖޭގައި އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗްތައް ކުޅުމަށް ލަންކާގެ ޓީމް މިހާރުވަނީ މާލެ އައިސްފައެވެ. ސްރީލަންކާގެ ވޮލީ ޓީމް އަދި މިހާތަނަށް ރާއްޖޭގެ ޓީމާ ވާދަކޮށް ބަލިވެފައެއް ނުވެއެވެ.

ލަންކާއާ ރާއްޖެ ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9، 10 އަދި 12 ވަނަ ދުވަހުއެވެ. ތަޖްރިބާކާރު ކޯޗް މުހައްމަދު ސާޖިދު ބުނީ ލަންކާ ޓީމަކީ އަބަދުވެސް ރާއްޖޭގެ ވޮލީ ޓީމަށް ވުރެއް މޮޅު ޓީމެއްކަމަށާއި ނަމަވެސް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށެވެ. ދިވެހި ރާއްޖެ އާއި ލަންކާ ވާދަކުރާއިރު، މެޗްގެ ފޯރި ވަރަށް ގަދަވާނެކަމަށާއި ޚާއްސަކޮށް ރާއްޖެއަށް ލަންކާއާއި ވަދާކުރެވޭނެކަމަށެވެ. ކޯޗް ސާޖިދުބުނީ ރާއްޖެއާއި ލަންކާއާ ވާދަކުރާ މެޗުތަކުގައި ބައެއް ފަހަރު ފަސް ސެޓަށްވެސް މެޗްތަށް ގޮސްފައިވާކަމަށާއި ނަމަވެސް ރާއްޖެއަށް މިހާތަނަށް ލަންކާ ޓީމް ބަލިކުރެވިފައި ނުވާކަމަށެވެ. ނަމަވެސް މިފަހަރު އަމިއްލަ ފަސްގަނޑުގައި ތާރީހު ބަދަލްކޮށް، ފުރަތަމަ ފަހަރަށް ލަންކާގެ މައްޗަށް ކުރި ހޯދަން ބޭނުންވާކަމަށް ކޯޗް ސާޖިދު ބުންޏެވެ.

"އަބަދުވެސް ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗަކީ ވަރަށް ފޯރިގަދަވާނެ މެޗެއް. މީގެ ކުރިން މެޗްތަކުން އެކަން ވަރަށް ރަނގަޅަށް އެގެން އޮބައޮތް. ލަންކާއިން ބޭނުމެއް ނުވާނެ ރާއްޖެއަތުން ބަލިވާކަށް، އެއީ ރަހުމަތްތެރިކަމުގެ މެޗެއް ވިއަސް. އަބަދުވެސް އެޓީމު ބޭނުންވަނީ ރާއްޖެ ބަލިކުރަން. ލަންކާ އަދި ރާއްޖެ ޓީމަށްވެސް މިހާރުވަނީ ވަރަށް ބޮޑު ބަދަލްތަކެއް އައިސްފަ. ރާއްޖޭގެ ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނޭނެ. އެގޮތަށް ލަންކާ ޓީމަށްވެސް ވަނީ ބޮޑެތި ބަދަލްތަކެއް އައިސްފަ. ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިންނާއެކު މިފަހަރު ކާމިޔާބު ހޯދޭނެކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ. ސެޓްރަލް ޒޯންގެ ކުރިން އެއް މެޗްވެސް ކާމިޔާބުކުރެވުމަކީ ޓީމަށް ލިބިގެންދާނެކަމަށް ބޮޑު ހިތްވަރެއް." ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.

ރާއްޖެއާއި ލަންކާ އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، 2019ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އެކުވެރިކަމުގެ ތިން މެޗް ލަންކާއާއި ދެކޮޅަށް ކުޅެފައެވެ. ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ވޮލީ ޓީމަށްވެސް ވަނީ ފަރިތަކުރުންތައް ކުރިއަށްގެންދަން ހުރަސްތަކަކާއި ކުރިމަތިވެފައެވެ. ރާއްޖޭގެ ގައުމީ ޓީމް އެންމެ ފަހުން ކުޅެފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސް މުބާރާތުގައެވެ.