ކުޅިވަރު

ޔޫތު ޗެންޕިއަންޝިޕްގައި މަހިބަދޫ ވާދަކުރަނީ


ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބަށް ފުރުސަތު ދިނުމަށް އެފްއޭއެމުން ނިންމައިފިއެވެ. ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، އެމުބާރާތުގައި ބައިވެރިވުމަށް އެދިފައިވަނީވެސް މަހިބަދޫ ސްޕޯޓްސް ކުލަބުންނެވެ. މިހާރު މިމުބާރާތުގައި ބައިވެރިވަނީ ފުރަތަމަ ޑިވިޝަންގެ 8 ޓީމުގެ އިތުރުން މަހިބަދޫއެވެ. އެއީ
އެންމެ ފަހުގެ ޗެންޕިއަން އީގަލްސް، މާޒިޔާ، ވެލެންސިއާ، ގްރީން ސްޓްރީޓްސް، ޓީސީ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މަހިބަދޫއެވެ.

މިފަހަރުގެ ޔޫތު ޗެންޕިއަންޝިޕްގައި ފުރަތަމަ ޑިވިޝަންގެ 8 ޓީމުގެ ތެރެއިން އިތުރު ދެ ޓީމަކަށް ފުރުސަތުދޭން އެފްއޭއެމުން މީގެކުރިން ނިންމިއެވެ. ނަމަވެސް މުިބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ބައިވެރިވެފައިވަނީ މަހިބަދޫ އެކަންޏެވެ. ނަމަވެސް މިމުބާރާތުގައި ބައިވެރިވުމަށް ބ.އޭފަދުށީގެ އިތުރުން ކ.ގުރައިދޫއިންވެސް ޝަޢުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި މިދެ ޓީމަށްވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

މިއާއެކު މިފަހަރު މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެއް ގުރޫޕްގައި 5 ޓީމް އަދި އަނެއް ގުރޫޕްގައި 4 ޓީމް ހިމަނައިގެންނެވެ. މިއަންނަ މަހުގެ 24ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހުއެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާއިރު، ޔޫތު ޗެންޕިއަންޝިޕްގެ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހުއެވެ.

އެފްއޭއެމުން އަބަދުވެސް އަތޮޅު ތެރޭގެ ޓީމުތަކަށް ފުރުސަތުދީގެން ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރެއެވެ. މިމުބާރާތުގައި ވާދަކުރެވޭނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. ޔޫތު ޗެންޕިއަންޝިޕަކީ ގައުމީ ޖޫނިއަރ ޓީމުތަކަށް އަބަދުވެސް ކުދިން ހޮވުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މުބާރާތެކެވެ. މިހާރުވެސް ގައުމީ ޓީމުތަކުގައި އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެއެވެ. ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ޔޫތު ޗެންޕިއަންޝިޕް ބޭއްވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ބޭއްވި ޔޫތު ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްއެވެ. އީގަލްސްއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ކުލަބް އީގަލްސްގެ ޔޫތު ޓީމުން ވަނީ ޔޫތު ޗެންޕިއަންޝިޕް 4 ފަހަރު ކާމިޔާބުކޮށްފައެވެ.