ކުޅިވަރު

އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ލާންކާ ވޮލީ ޓީމް މާލެއަށް


އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް އަވަށްޓެރި ސްރީލަންގެ ޤައުމީ ވޮލީ ޓީމް ރާއްޖެ އައިސްފިއެވެ. ސްރީލަންކާގެ ގައުމީ ވޮލީ ޓީމް މިއަދު ހެދުނު ރާއްޖެ އައިސްފައިވާއިރު، ސްރީލަންކާގެ ވޮލީ ޓީމަކީ ރާއްޖެއަށް އާ ޓީމެއް ނޫނެވެ. މީގެ ކުރިންވެސް ސްރީލަންކާ ޓީމުން ވަނީ ރާއްޖެ އައިސް މެޗްތަކެއް ކުޅެފައެވެ. ސްރީ ލަންކާ ޓީމުގެ އިތުރުން ސްރީލަންކާގެ ކުޅުންތެރިންވެސް ރާއްޖޭގެ ކުލަބްތަކަށް މީގެ ކުރިން އައިސް ވަނީ ކުޅެފައެވެ.

ރާއްޖޭގެ ޤައުމީ ވޮލީ ޓީމާއި ސްރީލަންކާގެ ގައުމީ ވޮލީ ޓީމްގެ މެދުގައި އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިތިން މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9، 10 އަދި 12 ވަނަ ދުވަހުގެ ރޭގައެވެ. މިއީ ކުރިއަށް އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ކުޅޭ މެޗްތަކެކެވެ. ރާއްޖެއާއި ލަންކާ އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، 2019ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އެކުވެރިކަމުގެ ތިން މެޗް ލަންކާއާއި ދެކޮޅަށް މާލޭގައި ކުޅެފައެވެ. މިތިން މެޗުންވެސް ލަންކާ މޮޅުވެފައިވާއިރު، ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗާއި ތިންވަނަ މެޗުން ރާއްޖެ ބަލިވީ 3 ސެޓް 1 ސެޓުންނެވެ.

މި މަހުގެ 21ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖިދެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެގެ އިތުރުން ވާދަކުރަނީ ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.