ކުޅިވަރު

ވެމްކޯ ކަޓުވާލުމަށްފަހު އެފްއެސްއެމް ކުއަޓަރއަށް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ކުއަޓަރ ފައިނަލުން އެފްއެސްއެމް އާއި އެމްއޭސީއެލް ޖާގަ ހޯދައިފިއެވެ. ފުޓްސެލްގެ ގިނަ ތަރިންތަކެއް ހިމެނޭ ވެމްކޯ އާއި ޓީމް އެފްއެސްއެމް ބައްދަލުކުރި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެފްއެސްއެމްއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ވެމްކޯއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުޓްސެލް ތަރި ޢަލީ ހާފިޒެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މިމެޗްގައި ލިބުނުއިރު، އެފްއެސްއެމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް މެޗްގެ ފުރަތަމަ ހާފްގައި ލިބި ވަނީ ބޭކާރުވެފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އެފްއެސްއެމަށް ވެމްކޯގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި އެފްއެސްއެމުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. އެފްއެސްއެމުންވަނީ ފަހަތުން އަރާ 3 ގޯލް ޖަހައިގެން މެޗް ކާމިޔާބުކޮށް، ކުލަބް މޯލްޑިވްސްގެ ތަށި ހޯދުމަށް ނިކުތް ވެމްކޯ މުބާރާތުން ކަޓުވާލާފައެވެ. މެޗްގެ 34ވަނަ މިނެޓްގައި އެފްއެސްއެމްގެ މުހައްމަދު ޒިޔާދު ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ޖެހިގެންއައި މިނެޓްގެ ތެރޭގައި މުޙައްމަދު ތޯހިރުވަނީ ލަނޑެއްޖަހައި މެޗްގައި ފުރަތަމަ ފަހަރަށް އެފްއެސްއެމަށް ލީޑް ނަގައިދީފައެވެ. އެފެއެސްއެމުން ލީޑް ނެގުމާއެކެ، ވެމްކޯއިންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފަށާފައެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންފެށިއެވެ. މިގޮތުން ވެމްކޯގެ ޢަބްދުﷲ ޝައްފާން (ޝާކާ)، ޢަލީ ހާފިޒް (ހާއްޕެ) އަދި މުޙައްމަދު އިމްރާން (އިންމި)ވަނީ ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް އެފްއެސްއެމްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެފްއެސްއެމްގެ ކީޕަރު ޢަބްދުﷲ ފަޔާޒްވަނީ މީގް ތެރެއިން ގިނަ ބޯޅަތައް މަތަކޮށްފައެވެ. އަދި ދެވަނަ ހާފްގައި މެޗްގެ ރެފްރީގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ވެމްކޯގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިމެޗްގައި ވެމްކޯއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދަނިކޮށް، އެފްއެސްއެމުންވަނީ ކައުންޓަރ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެފްއެސްއެމަށް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ. މިމެޗުން މޮޅުވުމާއި ގުޅިގެން އެފްއެސްއެމުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. އަދި މެޗުން ބަލިވުމާއި ގުޅިގެން ވެމްކޯގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާޔޫސްކަން ފެނިގެންދިޔައެވެ. މިމެޗުން ވެމްކޯ ކެޓުމާއެކު، އެންމެ ފަހުން ކުލަބް މޯލްޑިވްސްގެ ފައިނަލްގައި ކުޅުނު ދެ ޓީމުވެސް ވަނީ ކަޓާފައެވެ. އެންމެ ފަހުގެ ޗެންޕިއަން ބީއެމްއެލް ވަނީ މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައެވެ.

ކުއާޓާގައި ހޮނިހިރު ދުވަހުގެރޭ އެފްއެސްއެމުން ނުކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ.