ކުޅިވަރު

ޕްރިޒަން އާއި އެޗްޓީސީ ކުއަޓަރ ފައިނަލަށް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ކުއަޓަރ ފައިނަލުން ޕްރިޒަން ކުލަބާއި ކުލަބް އެޗްޑީސީ ޖާގަ ހޯދައިފިއެވެ. މިހާތަނަށް ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ އެޗްޑީސީން ވަނީ ރޭ ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ކުރި ހޯދާފައެވެ. މިމެޗް އެޗްޑީސީ ކާމިޔާބުކުރީ ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި އެޗްޑީސީން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިމާހު، ކެޕްޓަން މުޙައްމަދު ޔާމީން، އަހުމަދު ސިޒާން އަދި ޢަބްދުﷲ ޝާފިއުއެވެ. މިމެޗްގައި އިބްރާހީމް ރިމާހު ވަނީ ތިން ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ. މިމެޗްގައި ދިވެހި ސިފައިންގެ ކުލަބުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ފާރިޝްއެވެ.

ޕްރިޒަން ކުލަބުން ވަނީ ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗް ޕްރިޒަން ކުލަބުން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕްރިޒަން ކުލަބުން ވަނީ ވަރަށް ވަރުގަދައަށް މެޗް ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕްރިޒަން ކުލަބުންވަނީ މެޗްގެ 12 މިނެޓްގެ ތެރޭގައި ތިން ގޯލްޖަހާފައެވެ. މިތިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދާއި މުރުތަޖާ މުޙައްމަދެވެ. ސާޖިދު ވަނީ މިމެޗްގައި ދެ ގޯލް ޖަހާފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕޮލިހުން ވަނީ ގޯލެއް ޖަހައި، ހިތްވަރު އާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޢަލީއެވެ. އަދި މެޗްގެ ފަހު ވަގުތު ޕޮލިހުން ވަނީ އިތުރު ގޯލެއް ޖަހައި، މެޗްގެ ލީޑް ހަނިކޮށްފައެވެ. މިލަނޑު ޕޮލިސް ޓީމަށް ކާމިޔާބުކޮށްދިނީ ޒާއިދު މުސްތަފާއެވެ.