ޚަބަރު

ކާނަލް ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފި


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޑާޔަޑް މުޙައްމަދު ނާޒިމްގެ ފަރާތުން ހައިކޯޓްގައި އިސްތިޢުނާފްކުރި މައްސަލައިގެ ޝަރީޢަތުގެ މަޖީލީހަށް ދައުލަތާއި ނާޒިމްގެ ފަރާތުން ހެކިން ޙާޟިރުކުރުމަށް ނިންމަވައިފިއެވެ.ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކާރނަލް ނާޒިމްގެ އިސްތިޢުނާފް މައްސަލައިގައި މިއަދު ބޭއްވެވި އަޑުއެހުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނާޒިމްގެ ވަކީލު ޙުސްނުއްސުޢޫދު ވިދާޅުވީ، މާދަމާ ހެކިބަސް ނަންގަވަން ޙާޟިރުކުރައްވަނީ، ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށައެޅުއްވި ބައެއް ހެކިންގެ ތެރެއިން ކުރީން ކޯޓަށް ޙާޟިރުކުރައްވާފައި ނުވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ތިބި ބައެއް މީހުންގެ ހެކިބަސް ކަމަށެވެ.މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލު ޙުސްނުލް ސުޢޫދު ވަނީ ދަށުކޯޓުން ހިންގި ޝަރީޢަތުގައި ކުށުން ބަރީޢަވުމަށް ނާޒިމަށް އެކަށީގެންވާ ފުރުޞަތު ލިބިފައިނުވާކަމަށް ވިދާޅުވެ، މީގެ ކުރީން މަތީ ކޯޓުތަކުން ނިންމަވާފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، ނާޒިމްގެ ފަރާތުން މިއަދު ފާހަގަކުރެއްވި ގިނަ ޕޮއިންޓްތަކަށް އެފަރާތުން ކުރީން ޖަވާބުދާރީ ވެފައިވާކަމަށް، އަދި މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ ސިއްރު ލިއުމެއް ޝަރީޢަތުގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.  މިލިޔުމަށްފަހު ދެން ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވީ ސިއްރުކުރައްވައިގެން. ސުޢޫދު ވިދާޅުވީ، މިއަދު ހުށައެޅުއްވި ސިއްރު ލިއުމާ ގުޅޭގޮތުންވެސް އަދި ވަކިގޮތެއް ޝަރީޢަތުގެ މަޖިލީހުން ނިންމަވާފައި  ނުވާކަމަށެވެ.