ކުޅިވަރު

ތިންވަނަ މެޗުންވެސް ލަންކާއިން ރާއްޖެ މައްޗަށް ކުރި ހޯދައިފި


މިމަހު 22ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުވެސް ލަންކާއިން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފިއެވެ. ލަންކާއާއި ދެކޮޅަށް ރާއްޖެއިން އެކުވެރިކަމުގެ ތިން މެޗް ކުޅެފައިވާއިރު، މިތިން މެޗްވެސް އެޓީމް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.

2019ވަނަ އަހަރުވެސް ރާއްޖެއިންވަނީ ލަންކާއާއި ދެކޮޅަށް އެކުވެރިކަމުގެ 3 މެޗްވެސް ކުޅެފައެވެ. މިމެޗްތައް ވެސް ކާމިޔާބުކޮށްފައިވަނީ ލަންކާއިންނެވެ. ނަމަވެސް 2019ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗް ސީދާ ތިން ސެޓުން އެޓީމް ކާމިޔާބުކުރިނަމަވެސް، ދެވަނަ މެޗާއި ތިންވަނަ މެޗްގައި ރާއްޖެއިން ވަނީ ލަންކާއާއި ދެކޮޅަށް ސެޓެއް ހޯދާފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ތިންވަނަ މެޗްގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-18، 25-17 އަދި 25-19 އިންނެވެ. މީގެ ކުރިން ކުޅުނު ދެ މެޗެކޭ އެއްގޮތަށް ލަންކާއިން މެޗު ފެށީ ވަރަށް ފޯމްގައެވެ. ނަމަވެސް ރާއްޖޭގެ ބުލޮކްތަކުން އެޓީމުގެ ގިނަ ހަމަލާތައް ހުއްޓުވިނަމަވެސް، ލަންކާގެ އެޓޭކްތައް ވަރުގަދަކަން ފާހަގަކޮށްލެވުނެވެ. އަދި ލަންކާގެ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ މަހޭލާ ބަންޑާރާގެ އެޓޭކްތައް ރާއްޖޭގެ ކުޅުންތެރިންނަށް ހުއްޓުވޭ ގޮތެއް ނުވިއެވެ. އަދި މެޗްގައި އެންމެ ފާހަގަކޮށްލެވުނީވެސް ލަންކާގެ މަހޭލާގެ ކުޅުމެވެ. އަދި ރާއްޖޭގެ ކެޕްޓަން އިސްމާޢީލް ސާޖިދާއި އާދަމް ނަސީމްގެ ފަރާތުން މޮޅު ކުޅެމެއް ފެނިގެންދިޔައެވެ. ރޭގެ މެޗްގެ ފަހު ސެޓްގެ ކުރީ ކޮޅުގައި ރާއްޖެއަށް ޕޮއިންޓެއްގެ ލީޑެއްވެސް ލިބުނެވެ. ނަމަވެސް ރާއްޖެއަށް ލީޑުގައި ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ރާއްޖެއިން ޕޮއިންޓެއް ނަގާއިރަށް ލަންކާއިން ވަރަށް ބޮޑަށް އެޓޭކްތައް ރަގަނޅުކޮށްލައެވެ. އެންމެ ބޮޑަށް ފާހަގަވެގެން ގޮސްގައިވަނީ ލަންކާގެ ބާރު ޝޮޓްތަކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗްގެ ސެޓްތައް ލަންކާއިން ގެންދިޔައީ
25-13، 25-14 އަދި 25-18 އިންނެވެ. އަދި ހުކުރު ދުވަހުގެރޭ ކުޅުނު ދެ ވަނަ މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ.

މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލް، ބަންގްލަދޭޝް، އުޒްބަކިސްތާން އަދި ލަންކާއެވެ.