ކުޅިވަރު

ޕްރިޒަން އާއި އެފްއެސްއެމް ސެމީއަށް


ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރި ގަނދަ ފުޓްސެލް މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ޕްރިޒަން އާއި އެފްއެސްއެމް ޖާގަ ހޯދައިފިއެވެ. ރެހެންދި ފުޓްސެލް ދަނޑުގައި ޕްރިޒަން އާއި އެމްއޭސީއެލް ބައްދަލުކުރި މެޗްގައި އެމްއޭސީއެލްއިން ދެ ގޯލްގެ ލީޑްއެއްވެސް ނެގިއެވެ. މިގޯލްތައް އެމްއޭސީއެލްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދާއި އަޒްޔާން އިބްރާހިމެވެ. އެމްއޭސީއެލްއިން ދެ ގޯލްގެ ލީޑެއް ނެގުމާއެކު، ޕްރިޒަން ކުލަބުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، އެމްއޭސީއެލްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ.

ނަތީޖާއެއްގެ ގޮތުން ޕްރިޒަން ކުލަބުން ވަނީ ފަހަތުން އަރައި، ދެ ގޯލްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިދެ ގޯލް އެޓީމަށް ދެވަނަ ހާފްގެ ފަހުކޮޅުގައި ކާމިޔާބުކޮށްދިނީ އާދަމް މަންސޫރާއި ސަނީމް ސަމާއިލެވެ. މިމެޗް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ޕްރިޒަން ކުލަބުން އެމްއޭސީއެލްގެ މައްޗަށް ކުރި ހޯދީ 7 ލަނޑު 6 ލަނޑުންނެވެ.

ރޭ ކުޅުނު އެޗްޑީސީ އާއި އެފްއެސްއެމް މެޗުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެފްއެސްއެމުން ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ ފުޓްސެލްގައި މަޝްހޫރު ގިނަ ގިނަ ކުޅުންތެރިންނާއެކު ނިކުތް ކުލަބް ވެމްކޯ ކަޓުވާލުމަށްފަހުއެވެ. އެޗްޑީސީ އާއި އެފްއެސްއެމް މެޗްވެސް ޕެނަލްޓީއަށް ގޮސްފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވުމުންނެވެ. ޕެނަލްޓީ ޖަހައިގެން އެފްއެސްއެމް މޮޅުވީ 7 ލަނޑު 6 ލަނޑުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ އެފްއެސްއެމްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު ނާފިއުއެވެ. ނަމަވެސް ފުރަތަމަ ހާފް ނިކުމުގެ ކުރިން އެޗްޑީސީއިން ދެ ގޯލް ޖަހާ މެޗްގައި ލީޑް ނެގިއެވެ. މިދެ ލަނޑު އެޗްޑީސީއަށް ކާމިޔާބުކޮށްދިނީ އަހުމަދު ސިޒާން އާއި ޢަބްދުﷲ ޝާފިއުއެވެ. އެޗްޑީސީން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް، އެފްއެސްއެމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއްވަރު ކުރި ލަނޑު އެފްއެސްއެމަށް ކާމިޔާބުކޮށްދިނީ އަހުމަދު ވިޖުދާންއެވެ. މިމެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، މެޗް ކުރިއަށް ގެންދިޔައީ ބޯ ވާރޭގެ ތެރޭގައެވެ. އަދި މެޗްގައި ސަޕޯޓަރުން ސްޕޯޓްކޮށްފައިވަނީ ވެސް ބޯ ވިއްސާރައިގެ ތެރޭގައެވެ.

ސެމީގައި އެފްއެސްއެމް ބައްދަލުކުރާނީ ޕްރިޒަން ކުލަބާއެވެ.