ދެކުނު ކޮރެއާގެ ދިފާޢީ ވަސީލަތްތައް އުފައްދާ ކުންފުނި ހަންވާ ކޯޕްއާއެކު އޮސްޓްރޭލިއާއިން 1 ބިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން އޮސްޓްރޭލިއާއަށް މިހާރު ކުރައްވަމުން ގެންދަވާ 4 ދުވަހުގެ ޒިޔާރަތުގެ ތެރެއިންނެވެ. މުޅި ޖުމްލަ 717 މިލިއަން އެމެރިކާ ޑޮލަރަށް އަރާ މި އެއްބަސްވުމުގެ ދަށުން ދެކުނުގެ ކޮރެއާގެ ހަތިޔާރު އުފައްދާ ކުންފުނިން 30 ހޮވިޓްޒަރ ޓޭންކަރާއި، 15 އާމަރޑް އެމިއުނިޝަން ރީސަޕްލައި ވެހިކަލް އުފައްދާނެއެވެ.
މި އެެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މިއީ އެ ޤައުމުގެ ދިފާޢި ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއްބައި ކަމަށެވެ. އަދި މިކަމުގެ ދެކުނު ކޮރެއާއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން އެ ޤައުމުގެ އަސްކަރީއްޔާ ތަރައްޤީ ކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާއިރު، މި މަސައްކަތަށް 30 ބިލިއަން އޮސްޓްރޭލިއާ ޑޮލަރު ހޭދަ ކުރަން ވަނީ ކަނޑައަޅާފައެވެ. އަދި މިމަސައްކަތުގެ ބޮޑުބައި ހަވާލުވާނީ ހަންވާ ކުންފުންޏާއިކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ހަންވާ ކޯޕުން މި އެއްބަސްވުމުގައި ސޮއިކުރިކަން އިއުލާން ކުރުމާއެކު ހިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާ 3 އިންސައްތަ ކުރިއަށް ވަނީ ޖެހިލާފައެވެ.
ދެކުނުގެ ކޮރެއާގެ މިނަރަލް އިމްޕޯޓުގެ %40 އޮސްޓްރޭލިއާ ހިއްސާ ކުރެއެވެ. އެހެން ކަމުން ދެކުނު ކޮރެއާގެ ރައީސް މޫން ޖައިއިން އޮސްޓްރޭލިއާ ކުރައްވަމުން ގެންދަވާ 4 ދުވަހުގެ މި ދަތުރުފުޅުގައި އޮސްޓްރޭލިއާގެ މިނަރަސް އެކްސްޕޯޓާއި މެދުވެސް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ބެޓަރީ އުފައްދާ ޤައުމަށް ދެކުނު ކޮރެއާ 2030 އަންނަންވާއިރަށް ވުމަށް ވަނީ އަމާޒު ހިފާފައެވެ. މިމަސައްކަތަށް އެ ޤައުމަށް ދެމެހެއްޓެނިވި ގޮތުގައި މިނެރަލް ސަޕްލައި ބޭނުންވާނެއެވެ.