ކުޅިވަރު

ސެމީގެ ފަހު ޖާގަ އާރްއާރްސީ އާއި ފެނަކައަށް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު ފެނަކައިން ހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތަށް ޔަގީންކޮށްފައިވަނީ ޕްރިޒަން ކުލަބް އާއި ޓީމް އެފްއެސްއެމްއެވެ.

ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު ކުއަޓަރ ފައިނަލް ފުރަތަމް މެޗް އާރްއާރްސީ ކާމިޔާބުކޮށްފައިވަނީ އެމްޕީއެލްއާއި ވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ މިނެޓްގައި އާރްއާރްސީއިންވަނީ ލަނޑެއްޖަހާ ކުރި ހޯދާފައެވެ. މިލަނޑަކީ އެމްޕީއެލްގެ ނާއިހް މުފީދުގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އެމްޕީއެލްއިން ކުޅުން ރަގަނޅުކޮށް އަހުމަދު ނިޒާމްވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އަވަސްކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެމްޕީއެލްއިން ލަނޑުޖަހާ މެޗް އެއްވަރުކުރިނަމަވެސް، އެޕްލީއެލްއަށް އާރްއާރްސީގެ އެޓޭކްތަށް ހުއްޓުވޭ ގޮތްވީ ކުޑައިރުކޮޅެއް ވަންދެންނެވެ. އެމްޕީއެލްއިން ދަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް، އާރްއާރްސީއިންވަނީ އިތުރު ލަނޑެއްޖަހާ އަލުން ލީޑް ފުޅާކޮށްފައެވެ. މިލަނޑު އާރްއާރްސީއަށް ކާމިޔާބުކޮށްދިނީ އާދަންނާއެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިމެޗުން މޮޅުވުމަށް އެމްޕީއެލްއަށް ރަގަނޅު ފުރުސަތެއްވެސް ލިބިގެންދިޔައެވެ. އާރްއާރްސީގެ ފަސް ފައުލް ހަމަވެގެން އެމްޕީއެލްއަށް ލިބުނު ޕެނަލްޓީ އެޓީމުގެ ނިޒާމަށް ކާމިޔާބުކުނުކުރެވުނުއިރު، އެޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، މެޗުން އާރްއާރްސީ މޮޅުވެ ސެމީގެ ޖާގައެއް ޔަގީން ކުރިއެވެ.

ކުއަޓަރ ފައިނަލްގެ ދެވަނަ މެޗްގައި އެސްޓީއޯ އާއި ފެނަކަ މެޗްގެ އިތުރު ވަގުތުހަމަވީއިރު، ދެ ޓީމްވެސް ވަނީ 4 ލަނޑު ޖަހާފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެންލަޓީގައި ފެނަކައިން ކުރި ހޯދީ 9 ލަނޑު 8 ލަނޑުންނެވެ. ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު ކުއަޓަރ ފައިނަލްގެ ދެވަނަ މެޗްގެ ފުރަތަމަ ހާފްގައި ފެނަކައިގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެޓީމުންވަނީ ފުރަތަމަ ހާފްގައި ތިން ގޯލް ޖަހާ ލީޑްނަގާފައެވެ. ފުރަތަމަ ގޯލް ފެނަކައަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ތަރި އަހުމަދު އަޔާޒްއެވެ. މިއީ އެސްޓީއޯގެ އަހުމަދު އަޖުވަދު ގައިގައި ޖެހިފައިވަތް ބޯޅައެކެވެ. ފެނަކައިގެ ދެވަނަ ލަނޑުވެސް އެޓީމްއަށް ކާމިޔާބުކޮށްދިނީ އަޔާޒްއެވެ. ފެނަކައިގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިހާމް ޢަބްދުލްޣަނީއެވެ. ތިން ގޯލްގެ ލީޑެއް ފެނަކައިން ނެގުމާއެކު، އެސްޓީއޯއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ، މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޓީއޯގެ އިން ލަނޑެއް ޖަހާ ލީޑް ހަނިކުރުމެވެ. މިލަނޑު އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒްއެވެ.

މެޗްގެ ދެވަނަ ހާފްގައި އެސްޓީއޯއިންވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، ފެނަކައިގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި، ގިނަ ހަމަލާތައް ހުއްޓުވާފައެވެ. އަދި އެޓީމުންވަނީ މެޗުގެ ދެވަނަ ހާފްގައި ދެ ލަނޑުޖަހާ މެޗް އެއްވަރުކޮށްފައެވެ. މިލަނޑު އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހާއި އެސްޓީއޯގެ ކެޕްޓަން މުހައްމަދު ޝާހުއެވެ. އެސްޓީއޯގެ ދެވަނަ ލަނޑު ވަޖީހު ކާމިޔާބުކޮށްދިން ގޯލް، ގޯލްގެ ތެރެއަށް ވަދެފައިވަނީ ފެނަކަ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)ގެ ފައިގައި ޖެހިފައެވެ. މެޗް ނިމެން ވަރަށް ކައިރިވެފައިވަނީކޮށް، ފެނަކައިގެ އަޔާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އެޓީމަށް އަލުން ލީޑް ނަގާދިނެވެ. މިލަނޑު ޖެހުމަށްފަހު އަޔާ އެސްޓީއޯގެ ބެންޗާއި ދިމާލަށް ގޮސް، އުފާފާޅު ކުރުމުން ރެފްރީވަނީ އޭނާއަށް ރީންދޫ ކާޑެއް ދައްކާފައެވެ. މިއާއެކު ދެ ކާޑް ހަމަވުމުގެ ސަބަބުން އަޔާ ވަނީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވެފައެވެ. އަދި ފެނަކަ ޓީމްގެ ފަސް ފައުލް ހަމަވެ، އެސްޓީއޯއަށް ލިބުނު ޕެނަލްޓީ އަމީން އިބްރާހިމް ކާމިޔާބުކޮށް، އެޓީމުން ވަނީ ދެވަނަ ފަހަރަށް މެޗްގައި ފަހަތުންއަރާ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންމެ ފުރަތަމަ ދެ ޓީމުންވެސް ޖެހި ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ. ފެނަކައިގެ ފަސް ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު، އިބްރާހިމް އަރީޝް، އޮންލީ، ބޮބީ އަދި އާދަމް ޝަހީމެވެ. އެސްޓީއޯގެ އިޔާން އަހުމަދު ރަޝީދު، ޝާހު، މުހައްމަދު ސަނީމް، އިބްރާހިމް މާޒް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް އިފާޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، އެސްޓީއޯ މުބާރާތުން ކެޓީއެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެފްއެސްއެމް އާއި ޕްރިޒަން ކްލަބެވެ. ދެ ވަނަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރާނީ އާރްއާރްސީ އާއި ފެނަކައެވެ.