ޚަބަރު

ޤައުމީ ވޮލީޓީމު މިފަހަރު ސްޕައިކާސް އާ ދެކޮޅަށް


ސެންޓަރަލް ޒޯން މުބާރާތައް ތައްޔާރުވުމަށް ޤައުމީ ވޮލީ ޓީމުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް އެއްކޮށް އެކުވެރިކަމުގެ މެޗުތައް ކުޅެން ނިންމައިފިއެވެ.

މިމަހުގެ 22 ގައި ބަންގުލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޤައުމީ ވޮލީ ޓީމުން މިދިޔަ ހަފްތާގައިވެސް އެކުވެރިކަމުގެ ތިން މެޗުވަނީ ކުޅެފައެވެ. މި މުބާރާތުގައިވެސް ވާދަކުރާ ލަންކާގެ ޤައުމީ ޓީމާއި ދެކޮޅަށް ދިވެހި ޓީމުން ނިކުތް މި ތިން މެޗުވެސް ކާމިޔާބުކުރީ ލަންކާ ޓީމު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބުނީ ޓީމަށް އިތުރު ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން އިންޑިޔާގެ ހައިދަރު އާބާދު ސްޕައިކާސްއާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މި ޓިމާއި ދެކޮޅަށް ތިން މެޗެއް ކުޅެންވަނީ ހަމަޖެހިފައެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެކޯޓްގައި ކުޅޭ މި މެޗްތަކުގެ ތެރެއިން ފުރަތަމަ ދެ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރުދުވަހުއެވެ. ފަހު މެޗް އޮންނާނީ ހޮނިހިރު ދުވަހުއެވެ.

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނަރޭޝް ބުނީ އެކުވެރިކަމުގެ މެޗްތައް ޤައުމީ ޓީމަށް ހޯދައިދިނުމުގެ އެންމެ މުހުއްމު ބޭނުމަކީ ތީމުގައި ތިބި ޒުވާންކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދާދިނުމަށްކަމަށެވެ. އަދި މުބާރާތައް ނުކުންނައިރު ރަނގަޅަށް ތައްޔާރުވުމުގެ ފުރުސަތުވެސް މި މެޗްތަކުގެ ސަބަބުން ލިބިގެންދާނެކަން ރަނޭޝް ފާހަގަކުރިއެވެ.

ލަންކާ ޤައުމީ ޓީމާއި ދެކޮޅަށް މިދިޔަ ހަފްތާގައި ދިވެހި ޓީމުން ނުކުތީ ބައިނަލް އަޤްވާމީ ވާދަވެރި މެޗެއް ނުކުޅޭތާ ގާތްގަޑަކަށް ދެ އަހަރު ފަހުންނެވެ. އަދި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤައުމީ މުބާރާތްވެސް ކޯވިޑާއި ގުޅިގެން މިދިޔަ ދެ އަހަރު ބާއްވާފައެއް ނުވެއެވެ.

މިމަހުގެ 22ވަނަ ދުވަހު ފަށާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ބަންގާޅު ޓީމާއި ދެކޮޅަށެވެ. އެމެޗް އޮންނާނީ މިމަހުގެ 23 ވަނަދުވަހުއެވެ. މިމަހުގެ 25ވަނަ ދުވަހު ރާއްޖެ އާއި ދެކޮޅަށް ނިކުންނާނީ އުޒަބަކިސްތާނެވެ. 26 ވަނަދުވަހު ދިވެހި ޓިމާ ވާދަކުރާނީ ނެޕާލްއެވެ. އަދި ލީގު ބުރުގެ ފަހު މެޗްގައި ރާއްޖެ ނުކުންނާނީ ލަންކާއާއި ދެކޮޅަށެވެ.