ޚަބަރު

އައްސަދުގެ އަދަބު އިސްތިއުނާފް ކޮމެޓީންވެސް ދަމަހައްޓައިފި


ބޯޅަ ނެތީސް ކުޅުންތެރިޔަކަށް ހަމަލާ ދިން މައްސަލައިގައި ޤައުމީ ފުޓްބޯޅަ ޓީމުގެ އައްސަދު ޢަލީ 6 މެޗަށް ސަސްޕެންޑްކޮށް ބާރަ ހާސް ރުފިޔާއިން ޖޫރިމަނާކުރި ކުރުން އެފްއޭއެމްގެ އިސްތިއުނާފް ކޮމިޓީންވެސް ދަމަހައްޓައިފިއެވެ.

އައްސަދު އަލީއަށް އެފްއޭއެމްއިން އަދަބު ދީފައިވަނީ މިދިޔަމަހު ސްރީލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ރާއްޖެ އެއްވަރުވި މެޗުގައި ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މިމައްސަލަ ބެލުމަށްފަހު އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން އައްސަދުއަށް ފިޔަވަޅު އަޅަން ނިންމުމާއި ގުޅިގެން އައްސަދު އަލީގެ ފަރާތުން އެއް މައްސަލަ އިސްތިއުނާފް އެފްއޭއެމްއަށް ހުށައެޅުމުން، އެފްއޭއެމްގެ އިސްތިއުނާފް ކޮމެޓީއިންވެސްވަނީ އެއިދާރާގެ ޑިސިޕްލިނަރީ ކޮމެޓީން ހުށައެޅި ހުށައެޅުން ދަމަހައްޓާފައެވެ.

އައްސަދު 6 މެޗްއަށް ސަސްޕެންޑް ކޮށްފައިވާއިރު، އިސްތިއުނާފް ކޮމިޓީން މައްސަލަ ނިންމާ އެކަން މީޑިޔާއިން އެފްއޭއެމްއަށް ހާމަކުރި ބަޔާންގައިވާ ގޮތުން އައްސަދު 6 މެޗްއަށް ސަސްޕެންޑްކޮށްފައި ވަނީ ގައުމީ ޓީމް ކުޅޭ 6 މެޗަށެވެ. މިއާއެކު މިރޭ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗްގައި އައްސަދުއަށް ކުލަބް ވެލެންސިޔާގެ ޖޯޒީގައި ކުޅެވޭނެއެވެ.

އައްސަދު ވަނީ އެންމެ ފަހުން މާލޭގައި ކުޅުނު ސާފް ޗެންޕިއަންޝިޕްގެ ސްކޮޑްގައިވެސް ހިމެނިގެން ކުޅެފައެވެ. އައްސަދު އަލުން ޤައުމީ ޓީމަށް ނާގަފައިވަނީ 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހުއެވެ. އައްސަދު ވަނީ ރާއްޖޭގެ ގިނަ ކުލަބްތަކަށް ކުޅެފައެވެ. ވިކްޓްރީ، ވީބީ، ބީޖީ، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ކުޅެފައިވާ އައްސަދަކީ މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ.