ވިޔަފާރި

އެސްޓީއޯއިން އަންނަ އަހަރަށް ނެރޭ ކަލަންޑަރު ޙާއްސަކުރާނީ ދިވެހި ބަސް ކުރިއެރުވުމަށް


އެސްޓީއޯއިން އަންނަ އަހަރަށް ނެރޭ ކަލަންޑަރު ޙާއްސަކުރާނީ ދިވެހި ބަސް ކުރިއެރުވުމަށްކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މި ކަލަންޑަރު ލޯންޗުކުރުމަށް އަންނަ ހޮނިހިރުދުވަހު ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައެވެ. އާޓިފިޝަލް ބީޗުގައި ބާއްވާ މި ހަރަކާތުގައި ކުޑަކުދިންނަށް އަމާޒްކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓޯއިން އަންނަ އަހަރަށް ނެރޭ ކަލަންޑަރާއި ގުޅޭގޮތުން މައުލޫމާތުދެމުން އެސްޓީއޯގެ ވިޝުއަލް ކޮމިއުނިކޭޝަންސް މެނޭޖަރ މުޙައްމަދު ޖަލީލު ވިދާޅުވީ ކަލަންޑަރުގައި ހުންނާނީ ފޮޓޯތަކުން ހަރުބަސްތައް ކިޔާދޭ ގޮތަށް ކަމަށެވެ. އަދި ފޮޓާތަކުން ކިޔާދޭ އެއްޗެއް ދިމާކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖަލީލު ވިދާޅުވިއެވެ.

"ފޮޓޯތަކުގައި އިންނާނެ ކިއުއާރު ކޯޑެއް، އެ ކޯޑު ޖަހާލީމަ ދާނެ ޕޭޖަކަށް، އެ ޕޭޖުގައި ޖަހާލަން ޖެހޭނީ ކޮން ބަހެއްކަން އެއީ، ދެން ކޮންމެ މަހަކު ގުރުއަތު ނެގުމެއް އޮންނާނެ، ހޮވޭ ފަރާތަކަށް ރަނގަޅު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި،" ޖަލީލު ވިދާޅުވިއެވެ.

މިއަަހަރުގެ ކަލަންޑަރުވެސް އެސްޓީއޯއިން ގެނެސްދިނީ ތަފާތުގޮތަކަށެވެ. އެގޮތުން ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަ ޖަނަވާރެއްގެ ދިވެހި ނަމާއި އެ ޖަނަވާރަކާ ގުޅޭ ހާއްސަ ކަންތައްތަކެއް ކިޔާދީފައިވެއެވެ. މިއާއެކު "ވައިލްޑް ލައިފް ކޮންޒަވޭޝަން" ކުރެހުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މުބާރާތުގައި ކޮންމެ މީހަކަށްވެސް ކުރެހުމުގެ ހުނަރާއި ކުލަ ޖެއްސުމުގެ ހުނަރާއި ޑިޖިޓަލް އާޓް ބޭނުންކޮށްގެން ކްރިއޭޓިވިޓީ ދައްކާލުމުގެ ފުރުސަތު އޮތީ ހުޅުވައިލައިފައެވެ.

އެސްޓީއޯއިން މިގޮތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ކޮންމެ މަހަކު އެންމެ ފާހަގަކޮށްލެވޭ ތިން ކުރެހުމެއް ވަނީ ހޮވާފައެވެ. އަދި ވަނަ ވަނަ އަށް ހޮވޭ ކުރެހުންތަކަށް އިނާމުތަކެއްވެސް އެސްޓީއޯއިން ދީފައިވެއެވެ.