ކޯވިޑާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މިޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 215.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކުރައްވާ ގޮތުގައި، ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، މިޙާލަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސް، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް 14020 މީހަކަށް ވަނީ ދީފައެވެ. އެއީ 215.04 މިލިއަން ރުފިޔާއެވެ.
މީގެކުރިން ފިނޭންސް މިނިސްޓްރީން ޢާއްމުކުރެއްވި މަޢުލޫމާތުތަކުގައިވާ ގޮތުން މިދިޔަމަހުގެ އެއް ވަނަ ދުވަހާ ހަމައަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވަނީ 13105 މީހަކަށް 192.94 މިލިއަން ރުފިޔާއެވެ.
ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ރިސްކް އެލަވަންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.
ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާއި ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.
މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ.
ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް 6 ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.