ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ)އަށް މިއަދު 57 އަހަރު ފުރުނުއިރު އެސްޓީއޯއަކީ މިއަދު ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކުންފުންޏެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފޯރުކޮށްދިނުމެވެ. މިއަދުވެސް އެސްޓީއޯ ކުރިއަށްދަނީ ހަމަ އެ އަޒުމުގައެވެ.
އަތިރީމާފަންނުގޭ ޓްރޭޑިން އެކައުންޓް، އޭ.ޓީ.އޭ ނުވަތަ މިހާރުގެ ނަމުންނަމަ އެސްޓީއޯގެ ވިޔަފާރި ފެށުނީ 1964ވަނަ އަހަރުގެތެރޭގައެވެ. އެސްޓީއޯގެ ހަޔާތުގައި މި ހޭދަވި 57 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު އެކި ވިޔަފާރިތަކުކުގެ ތެރެއަށް ވަދެފައެވެ.
މިފަހުން މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިޘާ "ކޯވިޑް19"ގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ކާބޯތަކެއްޗާއި ސިއްހީ ސާމާނު އެންމެ އަވަސްކަމާއެކު ހުސްނުވެ ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުންކޮށް މާލެއާއި އަތޮޅުތަކުގެ ދަތުރުފަތުރު ހުއްޓިފައިވީއިރުވެސް އެސްޓީއޯއިން ވަނީ އަތޮޅުތަކުގެ ރަށްރަށަށް ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.
އެސްޓީއޯގެ ވިޔަފާރިފުޅާކޮށް އެތައް ވިޔަފާރިއެއް މިހާރު އެ ކުންފުނިން ހިންގައެވެ. އެގޮތުން ސިއްހީ ސާމާނު، ފިއުލް، ގޭތެރެއަށް ބޭނުންވާ ސާމާނު، ކާބޯތަކެތި އެސްޓީއޯއިން އަންނަނީ އާންމުންނަށް ވިއްކަމުންނެވެ. މީގެއިތުރުން ޝިޕިންގެ ޚިދުމަތް ފަށައި، ޑިޖިޓަލް ބޭންކިންގ ދާއިރާއަށް ވަނުމަށްވެސް އެ ކުންފުނިން މިހާރު ވަނީ ތައްޔާރުވެފައެވެ.
އެސްޓީއޯއިން އެންމެ ފަހުންފެށި ފާހަގަކޮށްލެވޭ ވިޔަފާރިއަކީ ޝިޕިންއެވެ. ޤައުމީ ޝިޕިން ކުންފުނި، އެމްއެސްއެސް، އުފެއްދީ އެސްޓީއޯގެ ދަށުން ހިންގާ ވިޔަފާރިއެއްގެ ގޮތުގައެވެ. މިހާރު އަމިއްލަ ބޯޓުފަހަރު ވެސް ވަނީ ގަނެފައެވެ.
ގިނަ ވިޔަފާރީގެ ތެރެއަށް ވަދެ މިއަދު އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކުންފުނިވެސްމެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެއީ 2.1 ބިލިއަން ރުފިޔާއެވެ. 2ވަނަ ކުއާޓަރުގައި އެކުންފުންޏަށް 2.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު 3ވަނަ ކުއާޓަރުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.