ވިޔަފާރި

ތައި އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް


ތައި އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ތައި އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއި ގުޅިގެން އެމްއޭސީއެލްއިން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު އިތުރުވެގެންދިއުމަކީ ލިބިގެންދާ އުފަލެއްކަމަށެވެ.

ތައިލެންޑާއި ރާއްޖެއާ ދެމެދު ފްލައިޓްތައް އަލުން ފަށަން ނިންމުމާ ގުޅިގެން މިމަހު ވަނީ ވާޗުއަލް އިވެންޓެއްވެސް ބާއްވާފައެވެ. މިއިވެންޓުގައި ކޯވިޑާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީން ވަނީ މިހަފްލާގެ ބައިވެރިވި ފަރާތްތަކާ ހިއްސާކޮށްފައެވެ. މީގެއިތުރުން ފްލައިޓް ކަނެކްޓިވިޓީއާއި ޓިކެޓް ޕްރޮމޯޝަނާބެހޭ މައުލޫމަތުވެސް ވަނީ ހިއްސާކޮށްފައެވެ.

ތައިލެންޑުގައި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާއި ގުޅިގެން އަނެއްކާވެސް އެޤައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.

ވޭދުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިތުރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރުވަނީ އިތުރުވެފައެވެ. އަދި މި ސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެކަމަށް އުއްމީދުކުރެވެއެވެ. 2019ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87636އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެއ އިންވަނީ މަރުހަބާ ކިޔާފައެވެ.