ޚަބަރު

މާލެއިން 49 މީހުންނާއެކު، 120 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 120 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އުޅެނީ 94،500އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 120 މީހުންގެ ތެރެއިން 36 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 49 މީހުންނެވެ. އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 94،564 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1،939 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 106 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 92،351 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،639 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 261 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.

އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.