ޓޫރިޒަމް މިނިސްޓްރީން މިއަހަރު ކަނޑައެޅި 11 މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާޞިލުވެވިއްޖެއެވެ. މިނިސްޓްރީން ކަނޑައެޅި ބެޑް ނައިޓްސްގެ އަދަދު ހާސިލްވެފައިވަނީ ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެންނެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުރި އެނދުގެ އަދަދަކީ 56900 އެވެ. އަދި މިވަގުތު ޚިދުމަތުގައި 22900 އެނދު އެބަހުރިކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝަރު ރިޒާ ވިދާޅުވީ، ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް %90 އެނދު އޮޕަރޭޝަންގައި ހުރިއިރު މިހުރިހައި ތަނެއް މިހާރު ވަނީ ފުލްވެފައިކަމަށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ. 2019ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ބެޑް ނައިޓްސް އިތުރުވެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ ޢަދަދުވެސް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"2019ގައި އަޅުގަނޑުމެންގެ އެވްރެޖް ސްޓޭ ނައިޓެއް މިއުޅެނީ 5 ރޭ 6 ރޭ ވަރު. މިއަހަރު ޖަނަވަރީން ފެށިގެން ފެބްރުއަރީއަށް ބަލާއިރު އެންމެ މަދުން ހޭދަކުރި ފަތުރުވެރިއަކުވެސް އެވްރެޖްކޮށް 8 ރޭ ނުވަތަ 9 ރޭ ރާއްޖޭގައި ހޭދަކުރި. ބެޑް ނައިޓްސްވެސް ރާއްޖޭގައި މިހާތަނަށް ނަހަދާ ވަރަކަށް ހެދިގެން ހިނގައްޖެ މިއަހަރު ތެރޭގައި ކުރީ އަހަރާ އަޅާބަލާއިރު." އައްސަދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި 913 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ 161 ރިސޯޓާއި، 599 ގެސްޓްހައުސްއާއި، 143 ސަފާރީއާއި، 10 ހޮޓެލްއެވެ. ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މިހާރު ވަނީ 1.3 މިލިއަނަށްވުރެ އިތުރުވެފައެވެ.