ޚަބަރު

1 ޖަނަވަރީގައި 4 ގެއެއްގައި "ހޯމް ސްޓޭ" ފަތުރުވެރިކަން ފެށޭނެ - ޓޫރިޒަމް މިނިސްޓްރީ


އަންނަ މަހުގެ 1 ވަނަ ދުވަހު 4 ގެއެއްގައި "ހޯމް ސްޓޭ" ފަތުރުވެރިކަން ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކުރެއްވީ ހޯމް ސްޓޭ ފަތުރުވެރިކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފުރަތަމަ ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްކުރަނީ މ. ދިއްގަރުގައެވެ.

ހޯމް ސްޓޭއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ދިއްގަރުގެ ރައްޔިތުން ތިބީ ހޯމް ސްޓޭ ތަޢާރަފްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައިކަމަށެވެ. ކައުންސިލްގެ އަމާޒަކީ ޖަނަވަރީ މަސް ނިމޭއިރު ހޯމް ސްޓޭއަށް 50 އެނދު ނެރެ ކައުންސިލްގެ ދައުރު ނިމުމުގެ ކުރިން 200 އެނދު ހޯމް ސްޓޭއަށް ނެރުމަށްކަމަށެވެ.

"ދިއްގަރުގައި ވަރަށް ބޮޑަށް ކޮމިއުނިޓީގެ ތެރޭގައި މިކަމަށް ޝައުގުވެރިކަން އެބަހުރި. ގާތްގަނޑަކަށް 50ގެ މި ޖެނުއަރީ މަސް ތެރޭގައި ގެނައުމަށް ކައުސިލުން އަމާޒުހިފާފައި ހުރީ. މިހާރު ކައުންސިލްގެ ދައުރުގައި 200 އެނދު ނެރުމަކީ ކައުންސިލްގެ އަމާޒެއް. ދެން އަޅުގަނޑުމެންނަށް މިބެލެނީ 1 ޖަނަވަރީއަށް ސީދާ 4 ވަރަކަށް ގެ ހޯމް ސްޓޭގެ ގޮތުގައި ރަޖިސްޓްރީވެގެން އަންނާނެކަމަށް." ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ހޯމް ސްޓޭއާއެކު ރަށްރަށުގެ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. މީގެ ސަބަބުން އެހެން ކުދި ވިޔަފާރިތައް އުފެދިގެންގޮސް ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެކަމަށެވެ.

"ރަށްރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑު އިންގިލާބެއް މިކަމުގެ ސަބަބުން އަންނާނެ. މިއާއި ގުޅިގެން ރަށުތެރޭގެ އެހެނިހެން ކުދިކުދި ބައިވަރު ވިޔަފާރި އުފެދިގެން އަންނާނެ. ފެންނާނެ ގެސްޓްހައުސްތަކާއިއެކު މާފުށި ކަހަލަ ރަށްރަށަށް އައި ބަދަލު. އެބަދަލު ރާއްޖޭގެ ހަމަ ހުރިހައި ރަށަކުން ވަކިން ޚާއްސަކޮށް އުތުރާއި ދެކުނުގައި މިހާރު މާލެއާއި ދުރުގައި މިހުރި ރަށްރަށަށް ވަރަށް ބޮޑު ފުރުސަތެއް މީގެ ސަބަބުން ފަހިވެގެންދާނެ." ރައްޒާން ވިދާޅުވިއެވެ.

ހޯމް ސްޓޭއަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރާ ފަތުރުވެރިކަމުގެ ބާވަތެކެވެ.