ޚަބަރު

މަނަދޫގައި ސިޓީ ހޮޓަލެއް ހަދަން އެއްބަސްވުމުގައި ސޮއިކޮށްފި


ނ.މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިސްޓް ސިޓީ ހޮޓެލްއެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީއާއި "ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ދެމެދުއެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ފާޠިމަތު ނިލްފާއެވެ. ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އައްބާސް މުޙައްމަދުއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބޭއްވި މިރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ހާރޫނާއި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ 132،000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމެއްގައި ތަރައްޤީކޮށް ހިންގުމުގެ މަސައްކަތެވެ. މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޮޓާ ތަރައްޤީކޮށް 30 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި މަޝްރޫޢަކީ 2010ވަނަ އަހަރުން ފެށިގެން މަނަދޫ ރައްޔިތުން ކުރަމުންދާ ވަރަށް ބޮޑު އުންމީދެއްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން މަނަދޫގެ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް 2024ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ނިމިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.