ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްއަށް އަލަށް ސަބްސްކްރައިބްކުރި މީހުންގެ އަދަދު ދަށަށް


މިދިޔަ އަހަރުތެރޭ 18.2 މިލިއަން މީހުން އަލަށް ނެޓްފްލިކްސް އެކައުންޓު ހުޅުވާފައިވާކަމަށް ނެޓްފްލިކްސްއިން ހާމަކޮށްފިއެވެ.

އޮންލައިންކޮށް ފިލްމާއި ސީރީސްތައް ބަލަން ބޭނުންކުރާ، ނެޓްފްލިކްސްއިން އާއްމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން އަލަށް އިތުރުވި ސަބްސްކްރައިބަރުންނާއެކު، ނެޓްފްލިކްސްގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދުވަނީ 222 މިލިއަނަށް އަރާފައެވެ.

މިދިޔަ އަހަރުތެރޭ ނެޓްފްލިކްސްއަށް އަލަށް ސަބްސްކްރައިބް ކުރި މީހުންގެ އަދަދަކީ ލަފާކުރި އަދަދަށްވުރެ ދަށް އަދަދެކެވެ. އަދި އެ އަދަދަކީ 2020ވަނަ އަހަރުގެ އަދަދަށްވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަށް އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނެޓްފްލިކްސްެއަށް އަލަށް ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު ދަށްވެފައި މިވަނީ ޕެންޑަމިކް އާއި އެކު މީހުން ގޭގައި ތިބުން ނިމުމަކަށް އައުމާއި އެކުއެވެ. 2020ވަނަ އަހަރުތެރޭ ޤައުމުތަކުގައި ކާފިއުގެ ދުވަސްތައް ގުނަމުން ދިޔައިރު ނެޓްފްލިކްސްގެ މަޤްބޫލުކަން އިތުރުވެގެން ދިޔައެވެ. ސަބަބަކަށްވީ ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ފޫހި ފިލުވުމަށް ފިލްމާއި ސީރީޒްތަކަށް ދޭ ވަގުތު އިތުރުވުމެވެ.

ނެޓްފްލިކްސްއަށް އަލަށް ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ އިތުރު ސަބަބެއް ކަމަށް ލަފާކުރެވެނީ
ވާދަވެރި އެހެން ޕްލެޓްފޯމްތަކުން ހޯދަމުންދާކުރިއެރުމެވެ. އެގޮތުން ޑިޒްނީ، އެޕަލް، އެމޭޒޯން އަދި އެޗްބީއޯއިންވެސް ދަނީ އާއްމުންގެ މެދުގައި މަޤްބޫލް ފިލްމްތަކާއި ސީރީޒްތައް ލޯންޗުކުރަމުންނެވެ.

އެހެންނަމަވެސް ނެޓްފްލިކްސްއިން ދަނީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމަހައްޓާ، އިތުރު ސަބްސްކްރައިބަރުން ހޯދުމަށް ގިނަ ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން ބިލިއަނުން ޚަރަދުތައް ކުރަމުންދާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ ތެރޭގައިވެސް ވަނީ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ސީރީޒްތަކާއި ފިލްމްތައް ނެރެފައެވެ.

ނެޓްފްލިކްސްއިން ދާދިފަހުންވަނީ އެކުންފުނީގެ އެންމެ ގިނަ ސަބްސްކްރައިބަރުން ތިބޭ ޤައުމުތައް ކަމަށްވާ، އެމެރިކާ އަދި ކެނެޑާގައި އަގުތައް ބޮޑުކޮށްފައެވެ. މިއީވެސް އެކުންފުނީގެ އާމްދަނީ އިތުރުކޮށް އާ އުފެއްދުންތަކަށް އިންވެސްޓުކުރުމަށް ނިންމި ނިންމުމެއް ކަމަށް ނެޓްފްލިކްސްއިން ހާމަކުރެއެވެ.

ނެޓްފްލިކްސްގެ މާލީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ނެޓްފްލިކްސްއަށް 7.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއްވަނީ ލިބިފައެވެ.