ޚަބަރު

ހދ.ކުޅުދުއްފުށީގައި އަޅާ ރޯހައުސްތަކުގެ ގުރުއަތުލުން ބާތިލްކޮށްފި


ހދ. ކުޅުދުއްފުށީގައި ޢިމާރާތް ކުރެވޭ 22 ރޯހައުސްގެ ގުރުއަތުލުން ބާތިލުކޮށް, ރޯހައުސް ލިބޭ ފަރާތްތައް އަލުން ހޮއްވެވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ކުޅުދުއްފުށީ ކައުންސިލަށް އަންގަވައިފިއެވެ.އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިގޮތަށް އެންގެވީ  މިކަމާގުޅިގެން އެކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ކުރިއަށްގެންދިޔަ ތަހުޤީގުގައި ބެލި ބެލުމުން މިހައުސިންގ ޔުނިޓް ދޭން ކަނޑައަޅާފައިވާ އުޞުލާއި ޚިލާފަށް ބައެއް ފަރާތްތަކަށް ހައުސިންގ ޔުނިޓް ލީބޭނެކަމަށް  ނިންމާފައިވާތީ ކަމުގައެވެ. އަދި ރޯހައުސް ލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށާއި، ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ، ގުރުއަތު ލައިގެން ކަމަށް ރޯހައުސްއަށް އެދި ހުށައަޅާ ފޯމްގައި ބަޔާންކޮށްފައިވީނަމަވެސް 78 ފަރާތަށް ގުރުއަތަކާއި ނުލައި ރޯހައުސް ލިބޭނެކަމަށް ނިންމާފައިވާކަމުގައެވެ. އަދި 30 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ މީހުނަށް ގުރުއަތަކާއި ނުލައި ހައުސިންގ ޔުނިޓް ލިބިފައިވާކަމަށާއި، 25 ޕޮއިންޓާއި، 20 ޕޮއިންޓް ލިބުނު، މީހުންނަށްވެސް ރޯހައުސް ލިބޭނެކަމަށް ކަނޑައަޅަފައިވާކަން ފާހަގަ ކުރެވޭ ކަމުގައި މިބަޔާނުގައިވެއެވެ. އޭސީސީގެ ބަޔާނުގައި ވަނީ  ރޯ ހައުސް އަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ގުރުއަތުލާފައި ވާތީ އެ ގުރުއަތުލުން ބާތިލްކޮށްފައިވާ ކަމަށާއި، ގުރުއަތުލުން އަލުން ބާއްވާން އަންގަވާފައިވާނެ ކަމަށެވެ.