ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކައުންސިލްތަކާއި ގުޅިގެން ޙާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން އެމްއެމްޕީއާރުސީން ވަނީ ލޯކަލް ކައުންސިލްތަކާއެކު ބައްދަލުވުންތަކެއް ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީން ވިދާޅުވީ، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީއާއި ކައުންސިލްތައް ގުޅިގެން ބާއްވާ ބައްދަލުވުންތައް 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުވުންތަކުގެ ފުރަތަމަ ސެޝަން މިހާރު ވަނީ ބާއްވާފައެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާކުރަނީ އެމްއެމްޕީއާރުސީއާއި، ކައުންސިލްތައް ގުޅިގެން ލޯކަލް ޓޫރިޒަމް މާކެޓްކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. ރާއްޖެ ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގައި ރާއްޖޭގެ ވަކިވަކި ރަށްރަށުން ކުރެވެންހުރި ތަޖުރިބާއާއި ޚާއްސަ ކަންތައްތައް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެ ކުންފުނިން ބުނީ މި ބައްދަލުވުމުގެ ސަބަބުން ރަށްރަށުގައި ހުރި ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ.
މީގެއިތުރުން މި ބައްދަލުވުންތަކުގައި އެމްއެމްޕީއާރުސީން ރާއްޖެ މާކެޓްކުރުމަށް ކުރާ މަސައްކަތްތަކާއި އަދި އެމްއެމްޕީއާރުސީއާއި ގުޅިގެން ކައުންސިލްތަކަށް މި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތްތައް ވަނީ ކިޔާދީފައެވެ. މީގެއިތުރުން އެމްއެމްޕީއާރުސީއާއި ގުޅިގެން ކައުންސިލްތަކަށް ވަކިން ރަށްތައް ޕްރޮމޯޓްކުރުމަށް ހުރި ފުރުސަތުތައްވެސް ބައްދަލުވުމުގައި ކިޔާދީފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެމްއެމްޕީއާރުސީން ބުނީ ކައުންސިލްތަކުން އެމްއެމްޕީއާރުސީއާއި ގުޅިގެން އެ ރަށްތައް ޕްރޮމޯޓްކުރުމުގެ ޝައުގުވެރިކަން ބައްދަލުވުމުގެ ތެރެއިން ފާޅުކޮށްފައިވާކަމަށެވެ.
މި ބައްދަލުވުމުގެ ތެރެއިން އެމްއެމްޕީއާރުސީއާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މޯލްޑިވެންޗަރސް ކުރިއަށްދާ ގޮތާއި ކައުންސިލްތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެގޮތްތައްވެސް ވަނީ ކިޔާދީފައެވެ. މިއީ އަމިއްލަ ރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަނެއް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.