ޚަބަރު

ޑިޕްލޮމާ ފެންވަރަށް %80 ވުރެ ގިނަ ޓީޗަރުން ތަމްރީނު ވެއްޖެ


ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން 80 އިންސައްތައަށްވުރެ ގިނަ ޓީޗަރުން ތަމްރީނުވެ، އެފަރާތްތަކަށް ދާއިމީ މަޤާމްތަކަށް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިދިޔަ އަހަރު ގެނައި ބަދަލާ ގުޅިގެން ކޮންމެ ޓީޗަރެއްގެ އަތުގައި ވެސް ދަށްވެގެން ޑިޕްލޮމާ ސަނަދެއް އޮންނަން ޖެހެއެވެ. މިދިޔަ އަހަރު އެކުލަވާލި ޓީޗަރުންގެ އޮނިގަނޑުގެ ދަށުން ޓީޗަރެއްގެ ގައިގައި ހުންނަންޖެހޭ ޤާބިލުކަމާއި ސިފަތަކާއި، ޓީޗަރެއްގެ ގޮތުގައި ފަށައިގަންނަ ދަރަޖައަކަށް ވާންޖެހޭނީ ޑިޕްލޮމާ ފެންވަރު ކަމަށް ކަނޑައަޅާފައިވެއެވެ. މިއޮނިގަނޑުގެ ދަށުން ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ ދަށްވެގެން ޑިޕްލޮމާއެއް އޮންނަ ޓީޗަރުންނަށް ވާންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޚިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން 1,236 ޓީޗަރުންނަކީ ޑިޕްލޮމާ ފެންވަރުނެތް ޓީޗަރުންނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ ޑރ. އަބްދުލް މުޙްސިން މުޙައްމަދު ވިދާޅުވީ ޓީޗަރުންގެ އެންމެ ދަށް ސަނަދަކީ ޑިޕްލޮމާކަމަށް ކަނޑައަޅައި، ޑިޕްލޮމާއަށް ވުރެ ދަށް ސަނަދު ތިބި ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކޯސްތައް ހެދޭނެ ގޮތް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން މިފުރުސަތުގެ ބޭނުން ގިނަ އަދަދެއްގެ ޓީޗަރުން ބޭނުންކޮށްފައިވާ ކަމަށާއި، 80 އިންސައްތަ ޓީޗަރުންނަށް މިހާރު ސަނަދުތައް ލިބިފައިވާކަމަށްވެސް ޑރ. އަބްދުލް މުޙްސިން މުޙައްމަދު ވިދާޅުވިއެވެ. އަދި 90 ޕަސެންޓަށްވުރެ ގިނަ ޓީޗަރުންގެ ސަނަދުތައް ލިބި ދާއިމީ މަޤާމްތަކަށް ބަދަލުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.ޑރ. މުޙްސިން ވިދާޅުވީ ޑިޕްލޮމާ ފުރިހަމަނުކޮށް ތިބި ޓީޗަރުންނަށް ސިވިލް ސަރވިސް ޤަވާޢިދުގެ ތެރެއިން ހަމަޖެއްސެން އޮންނަ އިންތިޒާމުތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ޓީޗަރުންނަށް ދާއިމީ ސިވިލް ސަރވިސް ޓީޗަރެއްގެ މަޤާމުގައި ނުހުރެވޭނެކަމަށް ޑޮކްޓަރ މުޙްސިން ވިދާޅުވިއެވެ. ޑިޕްލޮމާ ފެންވަރަށް ޓީޗަރުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން، ޤައުމީ ޔުނިވަރސިޓީއާއި މަންދު ކޮލެޖާއި ގުޅިގެން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.