ދުނިޔެ

އުތުރު ކޮރެޔާގެ މައްސަލައިގައި އެމެރިކާއިން ޗައިނާ ގާތަށް!


އުތުރުކޮރެޔާއިން އދ.ގެ ޤަރާރުތަކަށް ބޯނުލަނބާ މައްސަލާގައި ޗައިނާއާއެކު ވާހަކަ ދައްކަން ޤަސްދުކުރާކަން އެމެރިކާ ހާމަކޮށްފިއެވެ.ވައިޓް ހައުސްއިން ބުނީ ޗައިނާއަކީ އުތުރުކޮރެޔާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވޭފަދަ ޙާލަތެއްގައިވާ ޤައުމެއްކަމަށާއި އެހެންކަމުން އުތުރުކޮރެޔާގެ މައްސަލާގައި ޗައިނާއާއި ވާހަކަ ދައްކައިގެން ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އުތުރުކޮރެޔާގެ މައްސަލަ ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް އައިސްފައިމިވަނީ އާދަޔާ ޚިލާފަށް ނުރައްކާތެރި އަދި ބާރުގަދަ ހަތިޔާރެއްކަމަށްވާ ހައިޑްރިޖަން ބޮމެއް ކާމިޔާބުކަމާއިއެކު ތަޖްރިބާކުރިކަން މިދިޔަ ބުދަދުވަހު އެޤައުމުން އިޢުލާން ކުރުމާއިގުޅިގެންނެވެ. މިމައްސަލައިގައި އެމެރިކާއާއި ދުނިޔޭގެ ބާރުތައް ކަންބޮޑުވާކަން ހާމަކޮށް މިކަން ކުށްވެރިކޮށްފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުންވަނީ މިމައްސަލާގައި އުތުރުކޮރެޔާއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެތަށް ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުންނާއި އެމެރިކާއާއި އަދި ވިލާތުގެ ބާރުތަކުން އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ އެއްޗަކަށްވާތީ މިއީ އުތުރުކޮރެޔާ ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ބަދަލުކޮށް، އެގައުމަށް ފިލާވަޅެއް ދެވޭފަދަ ބާރުގަދަ އެއްޗަކަށް ވެފައެއްނުވެއެވެ. އަނެއްކޮޅުން އުތުރުކޮރެޔާއަކީ ނިއުކްލިޔަރ ބާރަކަށްވާތީ އެގައުމާއި ދެކޮޅަށް ހަނގުރާމަކޮށްގެން އެގައުމު މައިތިރި ކުރުމަކީވެސް ކުރެވެން އޮތްކަމެއްނޫނެވެ. އެހެންކަމުން އުތުރުކޮރެޔާގެ މައްސަލައިގައި އެމެރިކާގެ ވިސްނުން މިހާރު ހުރީ އުތުރުކޮރެޔާއާ ގާތްގުޅުންތަކެއް އޮންނަ ޗައިނާ މެދުވެރިކޮށް އެގައުމާއި މުއާމަލާތް ކުރުމަށް ކަމަށް ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް އިޝާރާތް ކުރައްވާފައިވެއެވެ.ވައިޓް ހައުސްގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޖޯޝް އާނެސްޓް ވިދާޅުވީ "އުތުރުކޮރެޔާގެ މައްސަލާގައި އެމެރިކާ މިހާރު ގެންދަނީ ޗައިނާގެ މަސްއޫލުވެރިންނާ މުއާމަލާތް ކުރަމުން، މިގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާއިބެހޭ މުސްތަޝާރު ވަނީ އދ. ގައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބާ އިއްޔެ ވާހަކަ ދައްކަވާފާ، އެނގިވަޑައިގަންނަވާނެ ފަދައިން ޗައިނާއަކީ އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމުގެ މައްޗަށް ނުފޫޒު ހިންގުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް، އެހެންކަމުން އަހަރެމެން މި މަސައްކަތް ކުރަނީ ޗައިނާއާ ވަރަށް ގާތުން ވާހަކަ ދައްކައިގެން މިމައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން."އުތުރުކޮރެޔާއިން ކުރި ހައިޑްރިޖަން ބޮމުގެ ތަޖްރިބާއަށްފަހު ދެކުނު ކޮރެޔާއިން، ކޮރެޔަން ޕެނިންސިއުލާގައި އެމެރިކާގެ ސްޓްރެޓީޖިކް ހަތިޔާރު ރުކުރުވާލުމާއިމެދު އެމެރިކާއާ މަޝްވަރާކުރަމުން ގެންދާކަން ހާމަކޮށްފައިވެއެވެ. ނަމަވެސް ވައިޓްހައުސްގެ ތަރްޖަމާން ވިދާޅުވީ އެމެރިކާގެ ސްޓްރެޓީޖިކް މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށްވާ "ޓާމިނަލް އޯލްޓިޓިއުޑް އޭރިޔާ ޑިފެންސް ސިސްޓަމް" ދެކުނު ކޮރެޔާގައި ރުކުރުވާލުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށެވެ. އުތުރުކޮރެޔާއަކީ އެކަހެރި އަދި ގޮތްދޫނުކުރުމުގެ ސިޔާސަތެއް ގެންގުޅޭ ހަރުކަށި ގައުމެކެވެ. އެހެންކަމުން އުތުރުކޮރެޔާއިން ކުރިމަތިކުރާ އަސްކަރީ ބިރުދެއްކުންތަކާއި ކުރިމަތިލާނެ މާގިނަ ގޮތްތަކެއް އަވަށްޓެރި ދެކުނު ކޮރެޔާއަށް ލިބިފައެއް ނުވެއެވެ. މިއާއިއެކުވެސް ދެކުނުކޮރެޔާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ އުތުރުކޮރެޔާއާއި ކުރިމަތިލުމަށްޓަކައި ނިއުކްލިޔަރ ހަތިޔާރުގެ ޑިޓަރެންޓެއް އުފެއްދުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށެވެ. އުތުރުކޮރެޔާއިން 4 ފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވެއެވެ. އަދި ނިއުކްލިޔަރ ބޮން ހަރުކުރެވޭ ބާވަތުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލްވެސް  އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައިވެއެވެ.